Last Updated: July 14, 13:49
Tuesday, July 14, 2026
ކުޅިވަރު

ކަސެމީރޯ ބްރެޒިލްގެ ސްކޮޑުން ބާކީކޮށްފި

އަންނަ މަހު ފަށާ ކޮޕަ އެމެރިކާ ފުޓްބޯޅަ މުބާރާތަށް ބްރެޒިލުން ނެގި ސްކޮޑުން މެންޗެސްޓާ ޔުނައިޓެޑްގެ ތަޖުރިބާކާރު މިޑްފީލްޑަރު ކަސެމީރޯ ބާކީކޮށްފި އެވެ.

ކަސެމީރޯ ،32، އަށް މި ސީޒަނުގައި ޔުނައިޓެޑާ އެކު އެންމެ އެދެވޭ ކުޅުމެއް ދެއްކޭ ގޮތް ނުވެފައިވާއިރު، މި ސީޒަނަށް ފަހު އޭނާ ޔުނައިޓެޑް ދޫކޮށްލާނެ ކަމަށް މިހާރު ވަނީ ބެލެވެން ފަށާފަ އެވެ. ކަސެމީރޯ ވަނީ ބްރެޒިލްގެ ގައުމީ ޓީމަށް 75 މެޗު ކުޅެދީފަ އެވެ.

ބްރެޒިލްގެ ސްކޮޑުން ކަސެމީރޯގެ އިތުރުން އާސެނަލްގެ ގެބްރިއަލް ޖީސެސް އާއި ޓޮޓެންހަމްގެ ރިޗާލިސަން އަދި ޔުނައިޓެޑަށް ކުޅެމުން އަންނަ އެންތޮނީ ވެސް ވަނީ ބާކީކޮށްފަ އެވެ.

ކޯޗު ޑޮރިވަލް ޖޫނިއާ ނެގި 23 ކުޅުންތެރިންގެ ސްކޮޑުގައި ވަނީ އިނގިރޭސި ޕްރިމިއާ ލީގުގައި ކުޅެމުން އަންނަ 9 ކުޅުންތެރިއަކު ހިމަނާފަ އެވެ. އަދި އުމުރުން 17 އަހަރުގެ ޒުވާން ފޯވާޑް އެންޑްރިކް ވެސް ވަނީ ބްރެޒިލްގެ ސްކޮޑުގައި ހިމަނާފަ އެވެ.

ކޮޕަ އެމެރިކާ ފުޓްބޯޅަ މުބާރާތް ކުރިއަށްދާނީ އަންނަ މަހުގެ 20 އިން ޖުލައި 14 އަށް އެމެރިކާގަ އެވެ. ބްރެޒިލް ހިމެނެނީ ގްރޫޕް ޑީ ގައި ކަމަށްވާއިރު، އެ ގްރޫޕްގައި ދެން ހިމެނެނީ ކޮލަމްބިއާ އާއި ޕެރެގުއޭ އާއި ކޮސްޓަރީކާ އެވެ.

ކޮޕަ އެމެރިކާ އަށް ބްރެޒިލް އިން ނެގި ސްކޮޑު:

ގޯލްކީޕަރުން: އެލިސަން (ލިވަޕޫލް)، އެޑަސަން (މެންޗެސްޓާ ސިޓީ)، ބެންޓޯ (އެތްލެޓިކޯ ޕަރަނައެންސް)

ޑިފެންޑަރުން: ބެރަލްޑޯ (ޕީއެސްޖީ)، މިލިޓާއޯ (ރެއާލް މެޑްރިޑް) ގެބްރިއަލް (އާސެނަލް)، މާކިއުނޯސް (ޕީއެސްޖީ)، ޑެނީލޯ (ޔުވެންޓަސް)، ކޫޓޯ (ޖިރޯނާ)، އަރާމާ (އެތްލެޓިކޯ މިނެއިރޯ)، ވެންޑެލް (ޕޯޓޯ)

މިޑްފީލްޑަރުން: ޕެރޭރާ (ފުލަމް)، ބްރޫނޯ ގުއިމަރޭސް (ނިއުކާސަލް ޔުނައިޓެޑް)، ޑަގްލަސް ލުއިޒް (އެސްޓަން ވިލާ)، ގޮމޭސް (ވުލްވްސް)، ލޫކަސް ޕަކޭޓާ (ވެސްޓްހަމް ޔުނައިޓެޑް)

ފޯވާޑުން: އެންޑްރިކް (ޕަލްމެއިރާސް)، އެވަނިލްސަން (ޕޯޓޯ)، މާޓިނެއްލީ (އާސެނަލް)، ރަފީނިއާ (ބާސެލޯނާ)، ރޮޑްރިގޯ (ރެއާލް މެޑްރިޑް)، ސަވީނިއޯ (ޖިރޯނާ)، ވިނީޝަސް ޖޫނިއާ (ރެއާލް މެޑްރިޑް)