ޕްރިޒަން އޮފިސަރުންގެ 29 ވަނަ އަސާސީ ތަމްރީނު ކޯސް ފަށައިފިއެވެ.
މި ތަމްރީނު ކޯހުގެ 29 ވަނަ ބެޗްގެ ތަމުރީނު ފަށާފައިވަނީ އިއްޔެ މާފުށީ ޖަލުގައެވެ.
އިންސްޓިޓިއުޓް ފޮރ ކަރެކްޝަނަލް ސްޓަޑީޒް (އައިކޯސްޓް) އިން ހިންގާ މި ތަމުރީނު ޕްރޮގްރާމަކީ ޕްރިޒަން އޮފިސަރުންގެ ވަޒީފާއަށް ބޭނުންވާ ތަމްރީނާއި ތަރުބިއްޔަތު އުގަންނައިދީ ޕްރިޒަން އޮފިސަރުންގެ މަސައްކަތަށް ބޭނުންވާ ޢިލްމީ ޤާބިލުކަމާއި ތަޖުރިބާ ލިބިދިނުމަށް އަމާޒުކޮށްގެން ހިންގާ ޕްރޮގްރާމެކެވެ.
މި ތަމްރީން ކޯސް ފެށުމަށް ބޭއްވި ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވީ އެސިސްޓެންޓް ކޮމިޝަނަރ އޮފް ޕްރިޒަންސް މުހައްމަދު އާސިފްއެވެ. މި ރަސްމިއްޔާތުގައި އައިކޯސްޓްގެ ޑައިރެކްޓަރ، ޑެޕިއުޓީ ސްޕްރިންޓެންޑެންޓް އޮފް ޕްރިޒަންސް އަބްދުލް ޣަނީ އާއި ކަރެކްޝަންސްގެ އިސްބޭފުޅުން ބައިވެރިވެވަޑައިގެން ކަމަށް ކަރެކްޝަންސްއިން މައުލޫމާތުދެއެވެ.
15 ހަފްތާގެ މުއްދަތައް ކުރިއަށް ގެންދާ މި ތަމްރީނު ކޯހުގައި 16 އަންހެން ޕްރިޒަން އޮފިސަރުންނާއި 26 ފިރެހެން ޕްރިޒަން އޮފިސަރުން ހިމެނޭހެން ޖުމްލަ 42 އޮފިސަރުން ބައިވެރިވާ ކަމަށްވެސް ކަރެކްޝަންސްއިން މައުލޫމާތުދެއެވެ.