Last Updated: June 12, 17:57
Friday, June 12, 2026
ޚަބަރު

އާއިލާތަކުގެ ހާލު ބަލަން ޕްރޮގްރާމެއް ފަށަނީ

އައްޑޫގައި ބޭއްވި އިވެންޓެެއްގައި ބައްޕައަކު ދަރިއަކު އުރާލައިގެން. ފޮޓޯ/ ކޮޒްމިކް ކެޕްޗާސް

ރާއްޖޭގެ ހުރިހާ ރަށެއްގައި އާއިލާތަކުގެ ހާލަތު ދެނެގަތުމަށް ގައުމީ ޕްރޮގްރާމެއް ފަށަން ނިންމައިފި އެވެ.

ދައުލަތުގެ މީޑިއާ ޕީއެސްއެމްގައި ފެމިލީ މިނިސްޓަރު ޑރ. އައިޝަތު ޝިހާމު ވިދާޅުވީ އެ މިނިސްޓްރީ އަށް ރިޕޯޓްކުރާ ކުޑަކުދިންގެ މައްސަލަތަކުން އިތުރަށް އެ ކުދިންގެ ރައްކާތެރިކަން ހަރުދަނާ ކުރަން އިތުރަށް މަސައްކަތް ކުރަން ޖެހޭ ކަމަށެވެ. އެހެންވެ މުޅި ރާއްޖެއަށް އަމާޒުކޮށް "ހާލު ކިހިނެތްހޭ؟" މނަމުގައި ކުރިއަށްދާ ޕްރޮގްރާމްގެ ތެރެއިން މި އަހަރުގެ ތެރޭގައި ރާއްޖޭގެ ހުރިހާ އާއިލާތަކަށް ޒިޔާރަތް ކުރުމަށް ނިންމާފައިވާ ކަމަށް ވިދާޅުވި އެވެ

މިނިސްޓަރު ވިދާޅުވީ އާއިލާތަކަށް ޒިޔާރަތް ކުރުމުގެ ތެރޭގައި އެ އާއިލާތަކުގެ ދަތިތަކާ ހާލު ދެނެގަނެވި، އެ މީހުންގެ ދަތިތަކަށް ހައްލެއް ހޯދުމަށް ގުޅިގެން މަސައްކަތް ކުރައްވާނެ ކަމަށެވެ.

"އެހެން މަސައްކަތް ކުރެވިއްޖިއްޔާ އަޅުގަނޑުމެންނަށް ކުއްލިއަކަށް ބޮޑޫ ނުރައްކަލެއްގަ އެހެންނޫނީ ހިއްދަތިކަމެއްގަ އުޅޭ ކުދިން ކުއްލި ކުއްލިއަށް ފެންނާކަށް ނުޖެހޭނެ ދެއްތޯ،" މިނިސްޓަރު ވިދާޅުވި އެވެެ. "އިރާދަކުރެއްވިއްޔާ މި އަންނަ ހަފުތާ ތެރޭގައި އެ މަސައްކަތް ފެށިގެން ދާނެ."

އައިޝަތު ޝިހާމު ވިދާޅުވީ މުޖުތަމަޢުގެ ހާލަތު ގާތުން ބެލިގެންނާއި މުޖުތަމަޢު އާއި މިނިސްޓްރީއާ އޮންނަ ގުޅުން އިތުރަށް ހަރުދަނާކޮށްގެން ބޭނުމަކީ ކުދިންނަށް ނުރައްކާތައް ކުރިމަތިވާ ހާލަތައް މަދުކުރުން ކަމަށެވެ.

"މިހާރު އަޅުގަނޑުމެންގެ އެންމެ ބޮޑު ފޯކަސްއެއް މި އޮތީ ޕްރިވެންޝަންއަށް މަސައްކަތް ކުރުން. އެހެންވީމަ އެކަމެއް ދިމާވުމުގެ ކުރިން އަޅުގަނޑުމެން އެ އާއިލާއަކާ އަދި މުޖުތަމަޢުގެ އެ ބައިވެރިންނާއި އެއްކޮށް މަސައްކަތްކޮށްގެން ހުރުން." މިނިސްޓަރު އެވެ.

ވަޒީރު ވިދާޅުވީ އާއިލާއެއްގެ ތެރޭގައި ކުޑަކުއްޖަކަށް ނިކަމެތިކަމެއް ދިމާވަނީ ވަރަށް ހާމަކަން ބޮޑުކަމެއް ގޮތުގައި ކަމަށާއި އެ ނިކަމެތިކަން ދިމާވަނީ މަޑު މަޑުން އިތުރުވަމުން ކަމަށެވެ. އެހެންވެ އެފަދަ ކަންކަމަށް ހައްލެއް ހޯދުމަށް އަތޮޅުތަކަށް ދަތުރުކޮށްގެން އެފަދަ އާއިލާތަކާ ގުޅިގެން އެންމެ ގޯސް ހިސާބަށް ނުދިޔުމަށް ގޮތްތަކެއް ހޯދުމަށް މިނިސްޓްރީން މަސައްކަތް ކުރަމުން އަންނަ ކަމަށް ވިދާޅުވިއެވެ.

"އަޅުގަނޑުމެން އެންމެނަށް ވެސް އެބަ އިނގޭ އަނިޔާއެއް ލިބުން، ނިކަމެތިކަމެއް އައިސިއްޔާ އެއީ އެ ކުއްޖަކަށް ދުވަހަކު ވެސް ނިމޭ އަދި ހަނދާން ނެތޭ ކަމެއް ވެސް ނޫން،" މިނިސްޓަރު ވިދާޅުވި އެވެ. "އޭގެ ސަބަބުން އޭނަގެ މުޅި ދިރިއުޅުން ބަދަލުވެގެންދޭ އަދި މުޅި އުމުރަށް ވެސް އެކުދިން ގެންގުޅޭ ފާރުކޮޅުތަކެއް" ވަޒީރު ވިދާޅުވިއެވެ.