އައްޑޫ ސިޓީ ފޭދޫގައި މިމަހުގެ 11 ވަނަ ދުވަހުގެ ރޭ ހިނގި ނުރައްކާތެރި އެކްސިޑެންޓުގައި ޒަހަމްވި ހިތަދޫ ފަސްމާ އަހުމަދު ސައްމާހް އަހުމަދު، 20، އަށް ފަރުވާދެމުން ދަނިކޮށް ނިޔާވެއްޖެއެވެ.
ސައްމާހް ނިޔާވެފައިވަނީ އިތުރު ފަރުވާ އަށް އިންޑިއާއަށް ގެންގޮސް އާނަންތަޕޫރު ހޮސްޕިޓަލުގައި ފަރުވާދެމުން ދަނިކޮށް ރޭ ދަންވަރުގެ ވަގުތެއްގައެވެ.
މިއެކްސިޑެންޓުގައި އަނިޔާވި ސ.ހިތަދޫ ޗަރުކޭސީގޭ މަމްދޫން އަހުމަދު އަލިދީދީ ،22، ވަނީ މިރަށު ހޮސްޕިޓަލުގައި ފަރުވާދެމުން ދަނިކޮށް އެރޭ ނިޔާވެފައިއެވެ. މަމްދޫން ނިޔާވީ ހިތަދޫ ރީޖަނަލް ހޮސްޕިޓަލްގައި ފަރުވާދެމުން ދަނިކޮށް އެކްސިޑެންޓް ހިނގިތާ ހަތަރު ގަޑިއެއްހާއިރު ފަހުންނެވެ.
މި އެކްސިޑެންޓް ހިނގީ މިމަހުގެ 11 ވަނަ ދުވަހުގެ ރޭ 1:30 ހާއިރު އައްޑޫ ސިޓީ ފޭދޫ ބޮޑުމަގުގައި ބާރު ސްޕީޑްގައި ދުއްވާފައި ދިޔަ ސައިކަލް ކާރެއް އޯވަރޓޭކް ކުރަން އުޅުމުގެ ތެރޭގައި ކަހާލައިގެން ގޮސް ފާރެއްގައި ޖެހިގެންނެވެ.
އައްޑޫ ސިޓީގައި މިދުވަސްކޮޅު ގިނަ އަދަދެއްގެ އެކްސިޑެންޓްތައް ހިނގަމުން ދާއިރު ސައްމާހު އަކީ މިހިނގާ އެޕްރީލް މަހު އައްޑޫގައި ހިނގި އެކްސިޑެންޓް ތަކުގައި ނިޔާވި 3 ވަނަ މީހާއެވެ.