ބޮލީވުޑްގެ ބަތަލާ ކަރީނާ ކަޕޫރް މީގެ ތިން އަހަރެއްހާ ދުވަސް ކުރިން "ކަރީނާ ކަޕޫރް ހާންސް ޕްރެގްނަންސީ ބައިބްލް" ގެ ނަމުގައި ލިޔުނު ފޮތަށް ކިޔާފައި ނަމަކީ ނަސާރާ ދީނަށް ފުރައްސާރަވާ ގޮތަށް ދީފައިވާ ނަމެއް ކަމަށް ބުނެ އެކަމާ ގުޅޭ ގޮތުން ކޯޓަށް ހުށަހެޅި މައްސަލައަކާ ގުޅިގެން އޭނަ ކޯޓަކުން ނޯޓިސް ފޮނުވައިފި އެވެ.
މަދިއަ ޕްރަދޭޝްގެ ހައި ކޯޓުން އެ ނޯޓިސް ނެރުނީ ކަރީނާގެ އިތުރުން އެ ފޮތުގެ ޝާއިއުކުރި ކުންފުންނާއި ފޮތް ވިއްކަމުން އަންނަ ފަރާތްތައް ވެސް ހިމެނޭ ގޮތަށެވެ.
"ބައިބަލް" އަކީ ނަސާރާ ދީނުގެ މީހުންނަށް ބާވައިލެއްވި ފޮތަށް ކިޔާ ނަން ކަމަށާއި ބަލިވެއިނުމާ ގުޅޭ ގޮތުން ލިޔުނު ފޮތެއްގެ ނަމަކަށް އެ ނަން ހިމެނުމަކީ ނަސާރާ ދީނާއި އެ ދީނުގެ މީހުންނަށް ކޮށްފައިވާ ފުރައްސާރައެއް ކަމަށް ބުނެ ފޮތުގެ މައްސަލަ ކޯޓަށް ހުށަހެޅީ ވަކީލެއް ކަމަށްވާ ކްރިސްޓޯފާ އެންތަނީ ކިޔާ މީހެކެވެ. އޭނަ ހުށަހެޅި މައްސަލައިގައި ބުނެފައި ދީނަކަށް ނިސްބަތްވާ ބައެެއްގެ ފޮތަށް ކިޔާ ނަން ކަމާ ނުވެސް ގުޅޭ ކަމަކާ ބެހޭ ގޮތުން ލިޔެފައިވާ ފޮތަކަށް ކިޔުމަކީ ވަރަށް ދެވަރުގެ ކަމެއް ކަމަށާއި އެ ނަން ފޮތަށް ކިޔަން ޖެހުނު ސަބަބެއް ސާފުކޮށް ދޭން ޖެހޭނެ ކަމަށެވެ.
މިކަމާ ގުޅިގެން ކަރީނާ އާއި ފޮތުގެ ޓީމަށް ފޮނުވި ނޯޓިހުގައި ވަނީ ފޮތަށް ނަން ދިން ގޮތް ސާފުކޮށް ދޭން އަންގައިފަ އެވެ.
"ކަރީނާ ކަޕޫރް ހާންސް ޕްރެގްނަންސީ ބައިބްލް" ގެ މައްސަލަ ކޯޓަށް ހުށަހެޅި އިރު، މި ފޮތް ނެރުނު އަހަރު ކަމަށްވާ 2021 ގައި ވެސް ނަސާރާ ދީނުގެ ޖަމިއްޔާއެއްގެ ބަޔަކު ފޮތުގެ ނަމުގެ މައްސަލަ ތަހުގީގުކޮށް ދޭން އެދި ފުލުހުންނަށް ހުށަހެޅި އެވެ. ނަމަވެސް ފުލުހުން އެ މައްސަލަ ބަލައިގެންފައެއް ނުވެ އެވެ.
އެ ފަހަރު ފޮތުގެ މައްސަލަ ފުލުހުނަށް ހުށަހެޅީ މަހާރަޝްތުރާ ސްޓޭޓްގެ ޖަމާއަތެއް ކަމަށްވާ އަލްފާ އޮމެގާ ކްރިސްޓިއަން މަހާސަންގުންނެވެ.
މަހާރަޝްތުރާ ސްޓޭޓްގެ ޝިވާޖީ ނަގަރް ޕޮލިސް ސްޓޭނަށް ބުދަ ދުވަހު ހުށަހެޅީ އެ ސްޓޭޓްގެ ޖަމާއަތެއް ކަމަށްވާ އަލްފާ އޮމެގާ ކްރިސްޓިއަން މަހާސަންގުންނެވެ.
އެތަނުގެ ރައީސް އާޝިޝް ޝިންޑޭ ހުށަހެޅި މައްސަލާގައި ބުނީ ބަލިވެއިނުމާ ގުޅޭ ވާހަކަތަކެއް ލިޔެފައި އޮތް ފޮތަކަށް ދީނެއްގެ ބަޔަކަށް ރައްދުވާ ގޮތަށް ނަން ދިނުމަކީ ދީނަށް ފުރައްސާރަކުރުމުގެ އަމަލެއް ކަމަށެވެ. އެހެންވެ ކަރީނާ ފޮތުގެ މައްސަލަ ބަލައި، އެކަން ތަހުގީގުކޮށްދޭން އެދިފައިވެ އެވެ.
ދެހާސް އެކާވީހުގެ ޖުލައި މަހުގެ ތެރޭގައި ނެރުނު "ކަރީނާ ކަޕޫރް ހާންސް ޕްރެގްނަންސީ ބައިބްލް" އަކީ އެކްޓަރު ސައިފް އަލީ ޙާންގެ އަންހެނުން ދެވަނަ ދަރިފުޅަށް ބަލިވެއިން ދުވަސްވަރުގެ ތަޖުރިބާތައް ކިޔައި ދީފައިވާ ފޮތެކެވެ. މި ފޮތަކީ އިންޑިއާގެ ފެޑެރޭޝަން އޮފް އޮބްސްޓެޓްރިކް އެންޑް ގައިނޮކޮލޮޖިކަލް ސޮސައިޓީޒް އޮފް އިންޑިއާ (އެފްއޯޖީއެސްއައި) އިން ވެސް އެޕްރޫވް ވެސް ކޮށްފައިވާ ފޮތެކެވެ.