Last Updated: July 14, 13:49
Tuesday, July 14, 2026
ކުޅިވަރު

ސިޓީ ލީގުގެ އެއްވަނަ އަށް

ފުލަމް 4-0 އިން ބަލިކޮށް އިނގިރޭސި ޕްރިމިއާ ލީގުގެ އެއްވަނަ އަށް މެންޗެސްޓާ ސިޓީ އަރައިފި އެވެ.

ލީގުގެ އެއް ވަނައިގައި ސިޓީ އޮތީ 36 މެޗުން 85 ޕޮއިންޓާ އެކު އެވެ. ދެ ވަނައިގައި އޮތް އާސެނަލަށް 36 މެޗުން 83 ޕޮއިންޓް ލިބިފައިވާއިރު، ތިން ވަނައިގައި އޮތް ލިވަޕޫލަށް ވަނީ 36 މެޗުން 78 ޕޮއިންޓް ލިބިފަ އެވެ. ސިޓީގެ މި މޮޅާއެކު ލިވަޕޫލަށް މިހާރު ލީގު ހޯދުމުގެ ފުރުސަތު އެއްކޮށް ވަނީ ގެއްލިފަ އެވެ.

ފުލަމްގެ ދަނޑުގައި ކުޅުނު މި މެޗުގެ 13 ވަނަ މިނެޓްގައި ކެޑިން ޑި ބްރޭނާ ދިން ޕާހަކުން ޖޮސްކޯ ގްވާޑިއޯލް ވަނީ ސިޓީ އަށް ލީޑު ނަގައިދީފަ އެވެ. އަދި މެޗުގެ 59 ވަނަ މިނެޓްގައި ފިލް ފޮޑެން ސިޓީގެ ދެވަނަ ގޯލު ކާމިޔާބުކޮށްދިން އިރު، މެޗުގެ 71 ވަނަ މިނެޓްގައި ސިޓީގެ ތިންވަނަ ގޯލު ވެސް ކާމިޔާބުކޮށްދިނީ ގްވާޑިއޯލް އެވެ. މިއީ ލީގުގައި އެންމެ ފަހުން ކުޅުނު ފަސް މެޗުން ގްވާޑިއޯލް ޖެހި ހަތަރު ވަނަ ގޯލެވެ.

މި މެޗުގައި ސިޓީގެ ހަތަރުވަނަ ގޯލު މެޗުގެ އެންމެފަހު ވަގުތުކޮޅުތެރޭ ލިބުނު ޕެނަލްޓީއަކުން ކާމިޔާބުކޮށްދިނީ ޖޫލިއަން އަލްވަރޭޒް އެވެ. މިއީ އަލްވަރޭޒަށް ފުލަމްގެ އޭރިއާތެރެއިން އެޓީމުގެ އީސާ ދިއޮޕް ކުރި ފައުލަކަށް ދިން ޕެނަލްޓީއެއް ކަމަށްވާއިރު، މި ފައުލާ ގުޅިގެން ރެފްރީ ވަނީ އޭނާ އަށް ދެ ވަނަ ރީނދޫ ކާޑާ އެކު ރަތް ކާޑެއް ދައްކާފަ އެވެ.

ލީގުގައި ބާކީ ދެން އޮތް ދެ މެޗުން ސިޓީ މޮޅުވެއްޖެ ނަމަ އެޓީމަށް ލީގު ލިބޭނެ އެވެ. ސިޓީ އަށް ބާކީ ދެން އޮތީ ރަށުން ބޭރުގައި ޓޮޓެންހަމްއާ ދެކޮޅަށް ކުޅޭ މެޗާއި އަމިއްލަ ދަނޑުގައި ވެސްޓްހަމް ޔުނައިޓެޑާ ދެކޮޅަށް ކުޅޭ މެޗެވެ.