Last Updated: July 14, 13:49
Tuesday, July 14, 2026
ކުޅިވަރު

ބާންލީ ރެލިގޭޓް ވެއްޖެ

އިނގިރޭސި ޕްރިމިއާ ލީގުގައި ރޭ ޓޮޓެންހަމް އަތުން 2-1 އިން ބަލިވެ ބާންލީ ރެލިގޭޓް ވެއްޖެ އެވެ.

ލީގުގައި ބާކީ އެއް މެޗު އޮއްވާ ބާންލީ ރެލިގޭޓް ވިއިރު، އެޓީމަށް 37 މެޗުން ލިބުނީ 24 ޕޮއިންޓެވެ. ބާންލީއާއެކު ޝެފީލްޑް ޔުނައިޓެޑް ވެސް ރެލިގޭޓް ވެފައިވާއިރު، ލީގުގެ ފުލުގައި އެޓީމު އޮތީ 37 މެޗުން ލިބުނު 16 ޕޮއިންޓާ އެކު އެވެ. މި ދެ ޓީމާއެކު ލޫޓަން ޓައުން ވެސް ރެލިގޭޓް ވާނެ ކަމަށް މިހާރު ވަނީ ބެލެވިފަ އެވެ. މި ތިން ޓީމަކީ ވެސް މި ސީޒަނުގެ ޕްރިމިއާ ލީގަށް ޕްރޮމޯޓްވި ތިން ޓީމެވެ.

ޓޮޓެންހަމްގެ ދަނޑުގައި ކުޅުނު މި މެޗުގައި ފުރަތަމަ ގޯލު ކާމިޔާބުކޮށް ލީޑު ނެގީ ބާންލީންނެވެ. އެގޮތުން މެޗުގެ 25 ވަނަ މިނެޓްގައި ބާންލީ އަށް މި ގޯލު ކާމިޔާބުކޮށްދިނީ ޔެކޮބް ބްރުން ލާސަން އެވެ. ނަމަވެސް މެޗުގެ 32 ވަނަ މިނެޓްގައި ޕެޑްރޯ ޕޮރޯ ވަނީ ޓޮޓެންހަމަށް ނަތީޖާ އެއްވަރުކޮށްދީފަ އެވެ.

މި މެޗުން ޓޮޓެންހަމް މޮޅުވި ގޯލު މެޗުގެ 82 ވަނަ މިނެޓްގައި ކާމިޔާބުކޮށްދިނީ އެޓީމުގެ ޑިފެންޑަރު މިކީ ވެންޑެވިން އެވެ.

މި މޮޅާއެކު އަންނަ ސީޒަނުގެ ޗެމްޕިއަންސް ލީގަށް ކޮލިފައިވާން ޓޮޓެންހަމުން ކުރަމުންދާ މަސައްކަތަށް ވަނީ އިތުރު ހިތްވަރެއް ލިބިފަ އެވެ. ޓޮޓެންހަމް މިހާރު އޮތީ 36 މެޗުން 63 ޕޮއިންޓާ އެކު ލީގުގެ ފަސްވަނައިގަ އެވެ. ހަތަރުވަނައިގައި 36 މެޗުން 67 ޕޮއިންޓު ހޯދައިގެން އޮތީ އެސްޓަންވިލާ އެވެ. މި ދެ ޓީމަށް ވެސް ބާކީ ދެން އޮތީ ދެ މެޗެވެ.