Last Updated: July 14, 13:49
Tuesday, July 14, 2026
ކުޅިވަރު

ފޮރެސްޓް އަތުން ޗެލްސީ އަށް މުހިއްމު މޮޅެއް

އިނގިރޭސި ޕްރިމިއާ ލީގުގައި ރޭ ފަހަތުން އަރައި ޗެލްސީން 3-2 އިން ނޮޓިންހަމް ފޮރެސްޓް ބަލިކޮށްފި އެވެ.

މި މޮޅާއެކު އަންނަ ސީޒަނުގެ ޔޫރަޕްގެ މުބާރާތަކަށް ކޮލިފައިވުމުގެ އުއްމީދު ޗެލްސީ އަށް ވަނީ ބޮޑުވެގެން ގޮސްފަ އެވެ. ޗެލްސީ މިހާރު އޮތީ 36 މެޗުން ލިބުނު 57 ޕޮއިންޓާ އެކު ލީގުގެ 7 ވަނައިގަ އެވެ. ހަވަނައިގައި އޮތް ނިއުކާސަލް ޔުނައިޓެޑަށް ވެސް ހަމަ އެ އަދަދަށް ޕޮއިންޓު ލިބިފައިވާއިރު، އެޓީމަށް ކުރި ލިބެނީ ގޯލުގެ ތަފާތުންނެވެ. މި ދެ ޓީމަށް ވެސް ބާކީ ދެން އޮތީ ދެ މެޗެވެ.

ފޮރެސްޓްގެ ދަނޑުގައި ރޭ ކުޅުނު މެޗުގެ 8 ވަނަ މިނެޓްގައި ޗެލްސީން ވަނީ ލީޑު ނަގާފަ އެވެ. ކޯލް ޕާމާ ދިން ރީތި ޕާހަކުން މި ގޯލު ޗެލްސީ އަށް ކާމިޔާބުކޮށްދިނީ މިކައިލޯ މުޑްރިކް އެވެ. ނަމަވެސް މެޗުގެ 16 ވަނަ މިނެޓްގައި ޗެލްސީގެ އޭރިއާ ތެރޭ ހުރެ ބޮލުން ފޮނުވާލި ހަމަލާއަކުން ވިލީ ބޮލީ ވަނީ ފޮރެސްޓަށް ނަތީޖާ އެއްވަރުކޮށްދީފަ އެވެ.

އަދި މެޗުގެ 74 ވަނަ މިނެޓްގައި ކަލުމް ހަޑްސަން އޮޑޮއި ވަނީ ފޮރެސްޓަށް ލީޑު ނަގައިދީފަ އެވެ. ޗެލްސީ އަށް ކުރިން ކުޅުނު ހަޑްސަން އޮޑޮއި މި ގޯލު ކާމިޔާބު ކުރީ އޭރިއާގެ ބޭރުގައި ހުރެ ފޮނުވާލި ހަމަލާއަކުންނެވެ. ފޮރެސްޓަށް ލީޑުގައި ހިފަހައްޓާލެވުނީ އެންމެ ހަ މިނެޓަށެވެ. އެގޮތުން މެޗުގެ 80 ވަނަ މިނެޓްގައި ރަހީމް ސްޓާލިންގެ ހިތްގައިމު ގޯލުން ޗެލްސީ ވަނީ ނަތީޖާ އެއްވަރުކޮށްފަ އެވެ.

އަދި އޭގެ ދެ މިނެޓް ފަހުން ނިކޮލަސް ޖެކްސަން ވަނީ ޗެލްސީގެ ތިންވަނަ ގޯލު ކާމިޔާބުކޮށްދީ، މުހިއްމު ތިން ޕޮއިންޓު އެޓީމަށް ކަށަވަރުކޮށްދީފަ އެވެ. ޖެކްސަން މި ގޯލު ކާމިޔާބު ކުރީ ރީސް ޖޭމްސް ނަގައިދިން ހުރަހަކުން ބޮލުން ފޮނުވާލި ހަމަލާއަކުންނެވެ. މިއީ އަނިޔާ އިން ރަނގަޅުވެ ޖޭމްސް ކުޅުނު ފުރަތަމަ މެޗެވެ.

ލީގުގައި ޗެލްސީން ދެން ބައްދަލުކުރާނީ ރަށުން ބޭރުގައި ބްރައިޓަންއާ އެވެ. ލީގުގެ ފަހު މެޗުގައި އަމިއްލަ ދަނޑުގައި ޗެލްސީ ނިކުންނާނީ ބޯންމަތްއާ ދެކޮޅަށެވެ.