ރާއްޖޭގެ އުއްތަމަ ފަނޑިޔާރު އަލްއުސްތާޛު އަބްދުﷲ ސައީދުގެ ހާލުކޮޅު ސީރިއަސްވެ، ވާހަކަފުޅު ދެއްކެވުމުގައި ވެސް އުނދަގޫތަކެއް ކުރިމަތިވެފައިވާ ކަމަށް ބައެއް މީޑިޔާ ތަކުން ފަތުރަމުން ގެންދާ ޚަބަރު އެބޭފުޅާގެ އާއިލާއިން ދޮގުކޮށްފިއެވެ.
'އައްޑޫލައިވް' އަށް މައުލޫމާތު ދެއްވަމުން އަބްދުﷲ ސައީދުގެ އާއިލާގެ ބޭފުޅަކު ބުނިގޮތުގައި އެބޭފުޅާ ސިންގަޕޫރަށް ވަޑައިގަތީ 'ނޯމަލް ސާރޖަރީ' (ލޮލުގެ ސާރޖަރީ) އަކަށް ކަމަށާއި އަދި މީގެ އިތުރުން ވާހަކަފުޅު ދެއްކެވުމުގައި ވެސް އުއްތަމަ ފަނޑިޔާރަށް އުނދަގޫތަކެއް ކުރިމަތިވެފައިވާ ކަމަށް ބައެއް ފަރާތްތަކުން ފަތުރަމުން ގެންދަނީ ކަނޑައެޅިގެން ހަޤީޤަތާއި ޚިލާފް ދޮގު ވާހަަކަތަކެއް ކަމަށެވެ.
"ކަނޑައެޅިގެން ޙަޤީޤަތާއި ޚިލާފް ދޮގުވާހަކަ ތަކެއް އެއީ. އެބޭފުޅާގެ ޙާލު އިރާދަކުރެއްވިއްޔާ ރަނގަޅު" އާއިލާގެ ފަރާތުން ވާހަކަ ދެއްކި މީހަކު ބުންޏެވެ.
ސ.މީދޫ އަލިވާގޭ އަލްއުސްތާޛު އަބްދުﷲ ސައީދު އުއްތަމަ ފަނޑިޔާރު ކަމަށް އައްޔަން ކޮށްފައިވަނީ މިދިޔަ އަހަރުގެ ޑިސެމްބަރ 14 ވަނަ ދުވަހު އެވެ.