ބޮލީވުޑްގެ ތަރި އާމިރު ޚާންގެ ކެރިއަރުގެ އެންމެ ފާހަގަކޮށްލެވޭ ފިލްމުތަކުގެ ތެރޭގައި ހިމެނޭ "ސަރުފަރޯޝް" ގެ ދެވަނަ ބައެއް ހަދާނެކަމުގެ ޔަގީންކަން ދީފި އެވެ.
އޭގެ ސީކްއެލްއެއްގެ ވާހަކަ ކުރިން ވެސް ވަރަށް ބޮޑަށް ދެކެވިފައި ވަނިކޮށް، ފިލްމުގެ އިތުރު ބައެއް ހަދާނެކަމުގެ ޔަގީންކަން އާމިރު ދިނީ 1999 ގައި ރިލީޒްކުރި ފިލްމަށް 25 އަހަރު ފުރުން ފާހަގަކުރަން އިއްޔެ ރޭ މުމްބާއީގައި ބޭއްވި އިވެންޓެއްގަ އެވެ. ނޫސްވެރިންނާ ވެސް އެކީ ބޭއްވި އިވެންޓްގައު އާމިރު ބުނީ "ސަރުފަރޯޝް" ގެ ދެވަނަ ބައި ގެނެސްދޭނެ ކަމަށާއި ފިލްމުގެ ޓީމުން އެކަމަށް މިހާރު ވެސް މަސައްކަތްތަކެއް ކުރަމުން އަންނަ ކަމަށެވެ.
އެގޮތުން "ސަރުފަރޯޝް 2" އަށް ހިތްހަމަޖެހޭ ވަރުގެ ސްކްރިޕްޓެއް ފައްކާކުރެވުމާ އެކީ މަސައްކަތް ފަށާނެ ކަމަށް ބުންޏެވެ.
މި ވަތަނީ ފިލްމަކީ ޖޯން މެތިއު މަތަން ލިޔެ، ޑައިރެކްޓްކޮށް އެޕްރީލް 30، 1999 ގައި ރިލީޒްކުރި ވަރަށް ކާމިޔާބު ފިލްމެކެވެ. "ސަރުފަރޯޝް" ގެ ކާސްޓްގައި ސޮނާލީ ބެންޑްރޭ އާއި ނަސީރުއްދީން ޝާހު ވެސް ހިމެނެ އެވެ. އެންމެ 8 ކްރޯޑް ރުޕީސް (957،600 ޑޮލަރު) އިން ހެދި ފިލްމަށް ބޮކްސް އޮފީހުގައި 33.46 ކްރޯޑް ރުޕީސް (4،005،162 ޑޮލަރު) ލިބުނެވެ.
އާމިރު، 59، އެންމެ ފަހުގެ ފިލްމަކީ 2022 "ލާލް ސިންގް ޗައްޑާ" އެވެ. މި އަހަރުގެ ޑިސެމްބަރުގައި އޭނަގެ "ސިތާރޭ ޒަމީން ޕަރު" ބެލުންތެރިންނަށް ގެނެސްދޭނެ އެވެ.