މޯލްޑިވްސް ނެޝަނަލް ޔުނިވާސިޓީ (އެމްއެންޔޫ) އަދި އައްޑޫ ސިޓީ ކައުންސިލާ ދެމެދު މެމޮރެންޑަމް އޮފް އަންޑަސްޓޭންޑިންގ (އެމްއޯޔޫ) އެއްގައި ސޮއިކޮށްފިއެވެ.
މިއަދު ނެޝަނަލް ގައުމީ ޔުނިވަރސިޓީގައި އޮތް މިރަސްމިއްޔާތުގައި ޔުނިވާސިޓީގެ ފަރާތުން މި އެމްއޯޔޫގައި ސޮއިކުރެއްވީ ޔުނިވާސިޓީގެ ޗާންސެލަރ ޑރ.މުހައްމަދު ޒާހިރު ހުސެއިންއެވެ. އަދި އައްޑޫ ސިޓީގެ ފަރާތުން މި އެމްއޯޔޫގައި ސޮޮޮއި ކުރެއްވީ އައްޑޫ ސިޓީ ކައުންސިލްގެ މޭޔަރު އަބުދުﷲ ސޯދިޤެވެ.
“ސިޓީ ބަސްތާން” އަދި “ސިޓީ ބާޒާރު” ކިޔާ މި 2 އެއްބަސްވުމުގައި ސޮއިކުރުމުގެ ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން ޒާހިރު ހުސައިން ވިދާޅުވީ ސިޓީ ބުސްތާނުގެ ބޭނުމަކީ ކުޑަ ކުއްޔަކަށް ދަނޑު ދޫކޮށްގެން ރައްޔިތުންގެ ހަރަކާތްތެރިކަމާއި ފުދުންތެރިކަން އިތުރުކުރުން ކަމަށާއި މި އެއްބަސްވުމަކީ ޔުނިވާސިޓީން ހައްދުންމަތީގައި ހެއްދުމަށް ރާވަމުންދާ ފޮނި މިރުސް އައްޑޫގައި ތައާރަފް ކުރުން ކަމަށެވެ.
ސިޓީ ބާޒާރަކީ އައްޑޫ ސިޓީގެ ކުދި އަދި މެދުފަންތީގެ ވިޔަފާރިތައް ކުރިއަރުވާނެ މަޝްޜޫއެއް ކަމަށާއި ސަރުކާރުގެ މުއްސަސާތަކާއި ގުޅިގެން އައްޑޫގައި ވިޔަފާރި ކުރުމަށް އަލަށް ފަށައިގަންނަ ފަރާތްތަކަށް ބޭނުންވާ ފަންނީ އެހީތެރިކަން ހޯދާދޭނެ މަޝްރޫއެއް ކަމަށް އޭނާ ވިދާޅުވިއެވެ.
މިރަސްމިއްޔާތުގައި އައްޑޫ ސިޓީގެ މޭޔަރ އަބުދުﷲ ސޯދިޤް ވިދާޅުވި ގޮތުގައި މުޖުތަމައެއް ބިނާވެގެން ދާނީ ދެވޭ ތައުލީމާއި ތަރުބިއްޔަތުގެ މައްޗަށް ކަމަށާއި އެ ތަރުބިއްޔަތު ދެވެނީ ހަމައެކަނި އެތަނެއްގައި ހުންނަ ސްކޫލްތަކުން ދޭ ފިލާވަޅު ތަކުން އެކަނި ނޫން ކަމަށް ވިދާޅުވިއެވެ. އަދި ސިޓީ ބާޒާރަކީ މީހުން ތަމްރީނު ކުރުމަށް ލިބޭ ފުރުސަތެއް ކަމަށް އޭނާ ވިދާޅުވިއެވެ.
ސިޓީ ބުސްތާނު ކުރިއަށްގެންދާނީ އައްޑޫ ސިޓީން ޔުނިވާސިޓީއަށް ދީފައިވާ ބިމެއްގައި ކަމަށާއި ސިޓީ ބާޒާރު ކުރިއަށް ގެންދާނީ އައްޑޫ ސިޓީ އާއި ޔުނިވާސިޓީ އާ ދެމެދު ވެވޭ އެއްބަސްވުމެއްގެ ދަށުން ދޭ ބިމެއްގައި ކުދި ކުދި ފިހާރަތައް ކުޑަ އަގަކަށް ކުއްޔަށް ދީގެން ކަމަށް ސޯދިޤް ވިދާޅުވިއެވެ.