ކަރަން ޖޯހަރްގެ ދަރުމާ ޕްރޮޑަކްޝަނުން މި އަހަރު ގެނެސްދިން ފުރަތަމަ ފިލްމު "ޔޯދާ" އެމެޒޯން ޕްރައިމްް ވީޑިއޯ އަށް ދޫކޮށްލައިފި އެވެ.
ސިދާތު މަލްއުތުރާގެ ވަރުގަދަ އެކްޝަން ރޯލެއް ހިމެނޭ މި އެކްޝަން ތުރިލާ ސިނަމާތަކަށް ގެނައީ މާޗް 15 ގަ އެވެ. ޑިޝާ ޕަޓާނީ އާއި ރާޝީ ކަންނާ ބަތަލާއިންގެ ރޯލު ކުޅުނު "ޔޯދާ" ގެ މައިގަނޑު ވާހަކަ ބިނާކޮށްފައި އޮތީ ހައިޖެކްކުރާ މަތިންދާ ބޯޓެއް ސަލާމަތްކުރަން ސިފައިންގެ މީހަކު ކުރާ ހިތްވަރުގެ ގަދަ މަސައްކަތަށެވެ.
ސާގަރް އަމްބްރޭ އާއި ޕުޝްކާރް އޮޖާ ޑައިރެކްޓްކުރި މި ފިލްމު ހެދީ 55 ކްރޯޑް ރުޕީސް (7 މިލިއަން ޑޮލަރު) ގެ ބަޖެޓަކުންނެވެ. އެކަމަކު ބޮކްސް އޮފީހުގައި ބަޖެޓް ކަވަރުކުރެވިފައެއް ނުވެ އެވެ. ސިނަމާތަކުގައި "ޔޯދާ" ދައްކައިގެން ލިބުނީ 53 ކްރޯޑް ރުޕީސް (6.3 މިލިއަން ޑޮލަރު) އެވެ.
ދަރުމާ އިން ދެން އެންމެ އަވަހަށް ގެނެސްދޭން އޮތް ފިލްމަކީ މި މަހުގެ 31 އަށް ތާވަލުކޮށްފައި އޮތް ރޮމޭންޓިކް ސްޕޯޓްސް ޑްރާމާ "މިސްޓަ އެންޑް މިސިޒް މާހީ" އެވެ. ޝަރަން ޝަރުމާ ޑައިރެކްޓްކުރި ފިލްމުގެެ ތަރިންނަކީ ރާޖްކުމާރު ރާއޯ އާއި ޖާންވީ ކަޕޫރެވެ.
"ޔޯދާ" ގެ ކުރިން ޖެނުއަރީ މަހުގެ ތެރޭގައި ބަތަލާ ކިއާރާ އަދުވާނީގެ ފިރިމީހާ، ސިދާތުގެ ވެބް ސީރީޒް "އިންޑިއަން ޕޮލިސް ފޯސް" ވެސް އެމެޒޯން ޕްރައިމް ވީޑިއޯ އިން ގެނެސްދީފައިވެ އެވެ. އެއީ ޑައިރެކްޓަރު ރޯހިތު ޝެޓީ ގެނެސްދިން އެއްޗެކެވެ.