މި މަހުގެ 31 ގައި ރިލީޒްކުރަން ހަމަޖެހިފައިވާ ފިލްމު "މިސްޓަ އެންޑް މިސިޒް މާހީ" ގެ ޓްރެއިލާ މިއަދު ދައްކާލައިފި އެވެ.
ރާޖްކުމާރު ރާއޯ އާއި ޖާންވީ ކަޕޫރްގެ ދެމަފިރިންގެ ގޮތުގައި ކާމިޔާބު ކްރިކެޓް ކުޅުންތެރިންނަށް ވާން ދެކޭ ހުވަފެން ހަގީގަތަކަށް ހަދަން ކުރަން މަސައްކަތް ދައްކުވައި ދޭނެ މި ފިލްމަކީ ކަރަން ޖޯހަރްގެ ދަރުމާ ޕްރޮޑަކްޝަނުން ހަދާފައިވާ ރޮމޭންޓިކް ސްޕޯޓްސް ޑްރާމާއެކެވެ.
މި އަހަރުގެ އެންމެ އުންމީދީ ފިލްމުތަކުގެ ތެރޭގައި ހިމެނޭ "މިސްޓަ އެންޑް މިސިޒް މާހީ" ގެ ޑައިރެކްޓަރަކީ ޝަރަން ޝަރުމާ އެވެ. އޭނައާ އަކީ ޖާންވީއާ އެކީ 2020 ގެ ބައޮގްރަފިކަލް ޑްރާނާ "ގުންޖަން ސަކްސޭނާ: ދަ ކަރްގިލް ގާލް" ގެނެސްދިން ޑައިރެކްޓަރެވެ.
"މިސްޓަ އެންޑް މިސިޒް މާހީ" އަކީ ރާޖާއި ޖާންވީ އެކީގައި ކުޅުނު ދެވަނަ ފިލްމެވެ. ދެ ތަރިންގެ ފުރަތަމަ ފިލްމަކީ ބެލުންތެރިންގެ މާ ބޮޑު ތަރުހީބެއް ލިބިފައި ނުވާ 2021 ގެ ހޮރޯ-ކޮމެޑީ "ރޫހީ" އެވެ.
"މިސްޓަ އެންޑް މިސިޒް މާހީ" 31 ގައި ބެލުންތެރިންނަށް ދޫކޮށްލާ އިރު، މިދިޔަ ހުކުރު ދުވަހުން ފެށިގެން ސިނަމާތަކުގައި އަންނަނީ ރާޖް ކުޅުނު ބައޮގްރަފިކަލް ޑްރާމާ "ސްރީކާންތު" އެވެ. އޭގައި އޭނަ ދައްކުވައި ދީފައިވާ އެކްޓިން އަށް ކްރިޓިކުންނާއި އާންމުން ވެސް ވަރަށް ބޮޑަށް ތައުރީފުކޮށްފައިވެ އެވެ.