Last Updated: June 7, 22:00
Sunday, June 7, 2026
ޚަބަރު

ނަޝީދު މިނިވަން ކުރަން "ދޭތިން އެކައްޗަށް" !

ކުރީގެ ރައީސް މުހައްމަދު ނަޝީދު މިނިވަން ކުރުމަށް “ދޭތިން އެކައްޗަށް” މި ނަމުގައި ހަރަކާތެއް ފެށުމަށް ނިންމާފައިވާ ކަމަށް އެމްޑީޕީގެ ކުރީގެ ޑެޕިއުޓީ ލީޑަރު އަދި ފޭދޫ ދާއިރާގެ ކުރީގެ މެންބަރު އަލްހާން ފަހުމީ ވިދާޅުވެއްޖެއެވެ.

މޫކައި ހޮޓަލްގައި މިއަދު ހެނދުނު ކުރިއަށްދިޔަ ނޫސްވެރިންގެ ބައްދަލުވުމެއްގައި ވާހަކަ ދައްކަވަމުން އަލްހާން ވިދާޅުވީ ރައީސް ނަޝީދުގެ މައްޗަށް ދައުވާކޮށް ދިގު މުއްދަތެއްގެ ޖަލު ހުކުމެއް އަންނާނެ ކަން އެނގިވަޑައިގަތުމުން އެމަނިކުފާނު ސަލާމަތްކޮށްދެއްވުމަށް ކޮށްދެވެން ހުރި ހުރިހާ ކަމެއް ކޮށްދެއްވުމަށް ނަޝީދު އެދިވަޑައިގެންފައިވާ އިރު ރައީސް ނަޝީދުގެ މައްޗަށް ހުކުމް އިއްވި ހިސާބުންވެސް، އެމަނިކުފާނު މިނިވަން ކުރެވޭނީ ކޮން މަގަކުންތޯ ބެލުމަށް އެމްޑީޕީގެ ހުރިހާ މެމްބަރުންވެސް މަސައްކަތް ކުރަމުން އަންނަ ކަމަށެވެ.

“އެގޮތުން އަޅުގަނޑު ފާހަގަ ކުރަން ރައީސް ނަޝީދުގެ މައްޗަށް މި ހިންގޭ ޝަރީއަތްތައް ހިންގޭނެ ކަމުގެ އަލާމަތްތައް ލިބުމާ ގުޅިގެން އެމަނިކުފާނު ވަނީ އަޅުގަނޑުމެންގެ ޕާޓީގެ ޤައުމީ މަޖިލީހަށް މިކަން ހިނގާނެކަމާއި މި ޝަރީޢަތް ހިނގަމުން ގޮސް އެމަނިކުފާނުގެ މައްޗަށް ޖިނާއީ ކުށެއްގައި ދިގު މުއްދަތަކަށް ޖަލަށް ލުމުގެ ހުކުމް އައުމުގެ ކުރިން އެކަން ހުއްޓުވުމަށް ކުރެވެން ހުރި ހުރިހާ މަސައްކަތެއް ކޮށްދިނުމަށްވެސް ރައީސް ނަޝީދު ވަނީ ޕާޓީއާއި ޕާޓީގެ މެމްބަރުން އަރިހުން ޤައުމީ މަޖިލިސް މެދުވެރިކޮށް އެދިވަޑައިގެންފައި.” އަލްހާން ވިދާޅުވިއެވެ.

އަލްހާން އެކަނި ބައިވެރިވެވަޑައިގެންނެވި މި ނޫސްކޮންފަރެންސްގައި އޭނާ ވިދާޅުވީ ރައީސް ނަޝީދު އެދިވަޑައިގެން ފަދައިން އެކަން ކުރުމަށް އެމްޑީޕީގެ ޤައުމީ މަޖިލީހުންވެސް ފާސްކޮށްފައި ވާނެ ކަމަށާއި ޤައުމީ މަޖިލީހުން ނިންމާފައި ވަނީ ކޮންމެ މެމްބަރަކަށްވެސް ވީވަރަކުން މި މަސައްކަތް ކޮށްދިނުމަށް ކަމުން "ދޭތިން އެކައްޗަށް" ހަރަކާތަކީ ޕާޓީގެ ނިންމުމާ ޚިލާފު ކަމެއް ނޫން ކަމަށެވެ.

“އަޅުގަނަޑުވެސް ޤަބޫލު ކުރަނީ އަޅުގަނޑުގެ ބޮލުގައިވެސް އެޅިފައި ވާކަމަށް ޒިންމާއެއް މަސްއޫލިއްޔަތެއް. ކޮންމެ މީހަކުވެސް އެމީހަކަށް ކުރެވުނު ކަމެއް މި ދަންނަވާ ލަނޑުދަނޑި ހާސިލް ކުރުމަށް ރައީސް ނަޝީދު މިނިވަން ކުރުމަށްޓަކައި ކުރަން ހުރި މަސައްކަތްތައް ކުރުމުގައި އަޅުގަނޑުވެސް އިސް ދައުރެއް ކުޅެން ޖެހޭނެތީ އަޅުގަނޑު މި ނުކުންނަނީ ފުރާނަ އަތްމައްޗަށް ލައިގެން ރައީސް ނަޝީދަށްޓަކައި ދޭތިން އެކައްޗަށް ނަމުގައި ހަރަކާތްތަކެއް އެމްޑީޕީގެ މެމްބަރުންނާއި ރާއްޖޭގެ ލޮބުވެތި ރައްޔިތުންނާއެކުގައި ހިންގުމަށް އަޅުގަނޑު މި ނުކުންނަނީ.” އަލްހާން ވިދާޅުވިއެވެ.