އިނގިރޭސި ޕްރިމިއާ ލީގުގައި ރޭ މެންޗެސްޓާ ޔުނައިޓެޑް 1-0 އިން ބަލިކޮށް އާސެނަލް އަލުން ލީގުގެ އެއްވަނަ އަށް އަރައިފި އެވެ.
މި މޮޅާ އެކު އާސެނަލް އެއްވަނައިގައި އޮތީ 37 މެޗުން ލިބުނު 86 ޕޮއިންޓާ އެކު އެވެ. ދެވަނައިގައި 36 މެޗުން ލިބުނު 85 ޕޮއިންޓާ އެކު އޮތީ މެންޗެސްޓާ ސިޓީ އެވެ. ސިޓީ އަތުގައި އިތުރު މެޗެއް އޮތުމުން ލީގު ޗެމްޕިއަންކަން ހޯދުމުގެ އެޑްވާންޓޭޖު އެޓީމަށް އަދިވެސް އެބައޮތެވެ. އެ މެޗަކީ މާދަމާ ރޭ ޓޮޓެންހަމްއާ ދެކޮޅަށް ކުޅެންޖެހޭ މެޗެވެ.
ޔުނައިޓެޑްގެ ދަނޑުގައި ރޭ ކުޅުނު މެޗުގައި ފެނިގެންދިޔަ ހަމައެކަނި ގޯލު އާސެނަލަށް މެޗުގެ 20 ވަނަ މިނެޓްގައި ކާމިޔާބުކޮށްދިނީ ލިއަންޑްރޯ ޓްރޮސާޑް އެވެ. މި ގޯލު ޓްރޮސާޑް ކާމިޔާބު ކުރީ ކައި ހަވެޓްޒް ދިން ޕާހަކުންނެވެ.
މި ގޯލަށް ފަހު ވެސް އާސެނަލަށް ލީޑު ފުޅާކޮށްލަން ރަނގަޅު ފުރުސަތުތަކެއް ލިބިފައިވެ އެވެ. އެގޮތުން ގެބްރިއަލް މާޓިނެއްލީ އާއި ޑެކްލަން ރައިސް ފޮނުވާލި ހަމަލާތައް ދިފާއުކުރީ ޔުނައިޓެޑްގެ ގޯލްކީޕަރު އަންދްރޭ އޮނާނާ އެވެ. މި މެޗުގައި ޔުނައިޓެޑަށް އާސެނަލްގެ ގޯލަށް މާބޮޑު ނުރައްކަލެއް ކުރެވިފައެއް ނުވެ އެވެ.
ލީގުގައި އާސެނަލަށް ދެން ބާކީ އޮތީ އެންމެ މެޗެކެވެ. އެ މެޗުގައި އަންނަ އާދީއްތަ ދުވަހު އާސެނަލް ނިކުންނާނީ އެވަޓަންއާ ދެކޮޅަށެވެ. ނަމަވެސް ކުރިއަށް އޮތް ދެ މެޗުން ސިޓީ މޮޅުވެއްޖެ ނަމަ އެޓީމަށް ލީގު ޗެމްޕިއަންކަން ލިބޭނެ އެވެ. ސިޓީ އަށް ބާކީ އޮތް ދެ މެޗަކީ ޓޮޓެންހަމް އަދި ވެސްޓްހަމް ޔުނައިޓެޑާއި ދެކޮޅަށް ކުޅޭ މެޗެވެ.