Last Updated: July 20, 18:11
Tuesday, July 21, 2026
ޚަބަރު

މިދިޔަ މަހު މީރާ އަށް 2.11 ބިލިއަން ރުފިޔާ ބަލައިގެންފި

މިދިޔަ އެޕްރީލް މަހު ޓެކުހުން ދައުލަތަށް 2.11 ބިލިއަން ރުފިޔާ ލިބިފައިވާކަމަށް ދައުލަތުގެ ޓެކްސް އިދާރާ، މީރާއިން ބުނެފި އެވެ.

މި އަދަދަކީ ވޭތުވެދިޔަ އަހަރުގެ މި މުއްދަތުގައި ލިބުނު އާމްދަނީއަށްވުރެ 13.6 އިންސައްތަ އިތުރު އަދަދެކެވެ. އަދި، އެޕްރީލް 2024 ގައި ލިބޭނެކަމަށް އަންދާޒާކޮށްފައިވާ އަދަދަށްވުރެ 4.8 އިންސައްތަ އިތުރު އަދަދެކެވެ.

މީރާއިން މައުލޫމާތު ދޭ ގޮތުގައި، އެޕްރީލް 2023 ގައި ލިބުނު އާމްދަނީ އާ އަޅައިބަލާއިރު އެޕްރީލް 2024 ގައި ލިބިފައިވާ އާމްދަނީ އިތުރުވުމުގެ މައިގަނޑު ސަބަބަކީ، ޖީ.އެސް.ޓީ، އެއަރޕޯޓު ޓެކުހާއި ފީ، އަދި ގްރީން ޓެކުހުގެ ގޮތުގައި ލިބިފައިވާ އާމްދަނީ އިތުރުވުމެވެ. އަދި މާރިޗު 2023 އާއި އަޅައިބަލާއިރު މާރިޗު 2024 ގައި ދިވެހިރާއްޖެއަށް ޒިޔާރަތްކޮށްފައިވާ ފަތުރުވެރިންގެ އިންސައްތަ 11.9 އިންސައްތަ އިތުރުވެފައިވާތީ، ފަތުރުވެރިކަމުގެ ދާއިރާއިން އެޕްރީލް 2024 ގައި ލިބިފައިވާ އާމްދަނީ އިތުރުވެފައިވާކަމަށް މީރާއިން މައުލޫމާތުދެ އެވެ.

އެޕްރީލް 2024 ގައި ލިބޭނެކަމަށް އަންދާޒާކޮށްފައިވާ އަދަދަށްވުރެ އާމްދަނީ އިތުރުވެފައިވަނީ، ޓީ.ޖީ.އެސް.ޓީ އަދި އެއަރޕޯޓު ޓެކުހާއި ފީ ގެ ގޮތުގައި ލިބިފައިވާ އާމްދަނީ އިތުރުވުމުން ކަމުގައި މީރާއިން މައުލޫމާތުދެ އެވެ. އަދި މީގެ އިތުރުން، މާރިޗު 2024 ގައި ފަތުރުވެރިން ޒިޔާރަތްކުރާނެ ކަމަށް އަންދާޒާ ކޮށްފައިވާ އަދަދަށްވުރެ ޒިޔާރަތްކުރި ފަތުރުވެރިންގެ އަދަދު 8.3 އިންސައްތަ އިތުރުވުމާއި ގުޅިގެން ޓީ.ޖީ.އެސް.ޓީ، އެއަރޕޯޓު ޓެކުހާއި ފީ އަދި ގްރީން ޓެކުހުގެ ގޮތުގައި ލިބިފައިވާ އާމްދަނީ އިތުރުވެފައިވާކަމަށް މީރާއިން މައުލޫމާތުދެ އެވެ. އަދި، ފާއިތުވެ ގޮސްފައިވާ ޓީ.ޖީ.އެސް.ޓީގެ ސުންގަޑިތަކަށް ނުދައްކާހުރި ފައިސާ އެޕްރީލް މަހުގެ ތެރޭގައި ދައްކައިފައިވާތީ، އެޕްރީލް މަހު ލިބިފައިވާ އާމްދަނީ ވަނީ އިތުރުވެފަ އެވެ.

އެޕްރީލް 2024 ގައި މީރާއަށް ބަލައިގަތް އާމްދަނީގެ އެންމެ ބޮޑު ބައެއް ހިއްސާކުރަނީ ޖީ.އެސް.ޓީއިންނެވެ. އެއީ 68.7 އިންސައްތަ ނުވަތަ 1.45 ބިލިއަން ރުފިޔާއެވެ. ދެން އެންމެ ބޮޑު އާމްދަނީއެއް ލިބިފައިވަނީ އިންކަމް ޓެކުހުންނެވެ. އެއީ 7.0 އިންސައްތަ ނުވަތަ 148.81 މިލިއަން ރުފިޔާ އެވެ. މީގެ އިތުރުން އެއަރޕޯޓު ޑިވަލޮޕްމެންޓް ފީ ގެ ގޮތުގައި 108.76 މިލިއަން ރުފިޔާ، ޑިޕާޗަރ ޓެކުހުގެ ގޮތުގައި 106.32 މިލިއަން ރުފިޔާ، ގްރީން ޓެކުހުގެ ގޮތުގައި 105.79 މިލިއަން ރުފިޔާ އަދި އެހެނިހެން ޓެކުހާއި ފީގެ ގޮތުގައި 192.44 މިލިއަން ރުފިޔާ ލިބިފައިވެ އެވެ.

އެޕްރީލް 2024 ގައި ބަލައިގަނެފައިވާ އާމްދަނީގެ ތެރޭގައި 91.87 މިލިއަން އެމެރިކާ ޑޮލަރު ހިމެނެ އެވެ.