Last Updated: July 14, 13:49
Tuesday, July 14, 2026
ކުޅިވަރު

އެސްޓަން ވިލާ ޗެމްޕިއަންސް ލީގާ ގާތަށް

އިނގިރޭސި ޕްރިމިއާ ލީގުގައި ރޭ ލިވަޕޫލްއާ 3-3 އިން އެއްވަރުވި ނަމަވެސް އެސްޓަން ވިލާ އިން ޗެމްޕިއަންސް ލީގުގެ ފުރުސަތު ބޮޑުކޮށްފި އެވެ.

ޕްރިމިއާ ލީގުން ޗެމްޕިއަންސް ލީގުގެ ޖާގަ މިހާތަނަށް ކަށަވަރުކޮށްފައިވަނީ އެއްވަނައިގައި އޮތް އާސެނަލް އާއި ދެވަނައިގައި އޮތް މެންޗެސްޓާ ސިޓީ އަދި ތިންވަނައިގައި އޮތް ލިވަޕޫލުންނެވެ. އަނެއް ޖާގަ އަށް ވާދަކުރަނީ 37 މެޗުން 68 ޕޮއިންޓް ހޯދައިގެން ހަތަރުވަނައިގައި އޮތް އެސްޓަން ވިލާ އަދި 36 މެޗުން 63 ޕޮއިންޓް ހޯދައިގެން ފަސްވަނައިގައި އޮތް ޓޮޓެންހަމް އެވެ. ވިލާ އަށް ބާކީ ދެން އޮތީ އެންމެ މެޗެއް ކަމަށްވާއިރު ޓޮޓެންހަމަށް އަދި ދެ މެޗު ބާކީ އެބައޮތެވެ.

އެގޮތުން ލީގުގައި މިރޭ ސިޓީއާ ދެކޮޅަށް ކުޅޭ މެޗުން ޓޮޓެންހަމަށް މޮޅު ނުވެވިއްޖެނަމަ އެސްޓަން ވިލާ އަށް ލީގުގެ ހަތަރުވަނަ ޔަގީންވެ، އަންނަ ސީޒަނުގެ ޗެމްޕިއަންސް ލީގުން އެޓީމަށް ޖާގަ ލިބޭނެ އެވެ.

ވިލާގެ ދަނޑުގައި ކުޅުނު މި މެޗުގެ ދެވަނަ މިނެޓްގައި ލިވަޕޫލުން ވަނީ ލީޑު ނަގާފަ އެވެ. މިއީ ވިލާގެ ގޯލްކީޕަރު އެމީ މާޓިނޭޒް އަތުން ބައިކޮޅަށް ވަތް ގޯލެކެވެ. ނަމަވެސް މެޗުގެ 12 ވަނަ މިނެޓްގައި ޔޫރީ ޓީލެމެންސްގެ ގޯލުން ވިލާ އިން ވަނީ ނަތީޖާ އެއްވަރުކޮށްފަ އެވެ. މެޗުގެ 23 ވަނަ މިނެޓްގައި ކޯޑީ ގަކްޕޯ ލިވަޕޫލަށް ދެވަނަ ފަހަރަށް ލީޑު ނަގައިދިން އިރު، ދެވަނަ ހާފު ފެށިގެން މާގިނަ އިރުތަކެއް ނުވަނީސް ލިވަޕޫލްގެ ޒުވާން ޑިފެންޑަރު ޖަރެލް ކުއަންސާ ވަނީ އެޓީމުގެ ތިންވަނަ ގޯލު ކާމިޔާބުކޮށްދީފަ އެވެ.

ދެ ގޯލުގެ ލީޑަކާ އެކު ލިވަޕޫލް މެޗުން މޮޅުވާން ދަނިކޮށް ދެވަނަ ހާފުގައި ކުޅެން އެރި ޖޯން ޑުރާން ތިން މިނެޓްތެރޭ ދެ ގޯލު ކާމިޔާބުކޮށް ވިލާ އަށް ނަތީޖާ އެއްވަރުކޮށްދީ މުހިއްމު ޕޮއިންޓެއް އެޓީމަށް ކަށަވަރުކޮށްދީފަ އެވެ.

ލީގުގެ ފަހު މެޗުގައި ވިލާ އިން ރަށުން ބޭރުގައި ނިކުންނާނީ ކްރިސްޓަލް ޕެލެސްއާ ދެކޮޅަށެވެ. ލިވަޕޫލް ބައްދަލުކުރާނީ އަމިއްލަ ދަނޑުގައި ވުލްވްސްއާ އެވެ.