އިނގިރޭސި ޕްރިމިއާ ލީގުގައި ރޭ ޓޮޓެންހަމް 2-0 އިން ބަލިކޮށް، ލީގު ހޯދުމާ ފިޔަވަޅަކާ ގާތަށް މެންޗެސްޓާ ސިޓީން ޖެހިލައިފި އެވެ.
މި މޮޅާ ލީގުގެ ފަހު މެޗަށް ދާއިރު ސިޓީ އެއް ވަނައިގައި އޮތީ، 37 މެޗުން 88 ޕޮއިންޓާ އެކު އެވެ. ދެ ވަނައިގައި އޮތް އާސެނަަލަށް 37 މެޗުން ވަނީ 86 ޕޮއިންޓް ލިބިފަ އެެވެ. އާދިއްތަ ދުވަހު، ސިޓީން އަމިއްލަ ދަނޑުގައި ވެސްޓްހަމް ޔުނައިޓެޑް ބަލިކޮށްފިނަމަ އެ ޓީމަށް ލީގު ޗެމްޕިއަންކަން ލިބޭނެ އެވެ. އާސެނަލަށް ލީގު ހޯދުމުގެ ފުރުސަތު އޮތީ، ސިޓީ އަށް މޮޅުނުވެވިއްޖެނަމަ އެވެ. ލީގުގެ ފަހު މެޗުގައި އާސެނަލް ބައްދަލުކުރާނީ އަމިއްލަ ދަނޑުގައި އެވަޓަންއާ އެވެ.
ޓޮޓެންހަމްގެ ދަނޑުގައި ކުޅުނު މި މެޗުގެ ފުރަތަމަ ހާފުގައި ގޯލެއް ފެނިގެން ގޮސްފައި ނުވާއިރު، މެޗުގެ 51 ވަނަ މިނެޓްގައި ސިޓީން ވަނީ ލީޑު ނަގާފަ އެވެ. ކެވިން ޑި ބްރޭނާ ތަނަވަސްކޮށްދިން ފުރުސަތަކުން މި ގޯލު ސިޓީ އަށް ކާމިޔާބުކޮށްދިނީ އެޓީމުގެ އިތުބާރު ފޯވާޑް އާލިން ހާލަންޑް އެވެ.
ނަތީޖާ އެއްވަރުކޮށްލަން ޓޮޓެންހަމަށް މި މެޗުގައި ރަނގަޅު ދެ ފުރުސަތެއް ލިބިފައިވެ އެވެ. އެގޮތުން ސިޓީގެ އޭރިއާ ތެރޭ ހުރެ ޑޭޖާން ކުުލުސެވްސްކީ ފޮނުވާލި ހަމަލާ އާއި އެޓީމުގެ ކެޕްޓަން ސޮން ފޮނުވާލި ހަމަލާ ދިފާއުކުރީ އެޑަސަންގެ ބަދަލުގައި ދެވަނަ ހާފުގައި ކުޅެން އެރި ސިޓީގެ ގޯލްކީޕަރު ސްޓެފަން އޯޓޭގާ އެވެ.
އެ ފުރުސަތުތަކުގެ ބޭނުން ޓޮޓެންހަމަށް ނުހިފުމުގެ ނަތީޖާއަކަށްވީ، މެޗުގެ އިތުރު ވަގުތުގެ ތެރޭގައި ސިޓީން ދެވަނަ ގޯލު ކާމިޔާބު ކުރުމެވެ. ސިޓީގެ ޖެރެމީ ޑޮކޫ އަށް ކުރި ފައުލަކާ ގުޅިގެން ލިބުނު ޕެނަލްޓީއަކުން މި ގޯލުވެސް ސިޓީ އަށް ކާމިޔާބުކޮށްދިނީ ހާލަންޑް އެވެ.
ޕްރިމިއާ ލީގުގެ ޗެމްޕިއަންކަން ހޯދުމާ ފިޔަވަޅަކާ ގާތަށް ސިޓީން ޖެހިލާފައިވާއިރު، ފާއިތުވި ތިން އަހަރު ވެސް ލީގު ކާމިޔާބުކުރީ ސިޓީންނެވެ. ޕްރިމިއާ ލީގުގެ ތާރީހުގައި މިހާތަނަށް އެއްވެސް ޓީމަކަށް ޖެހިޖެހިގެން ހަަތަރު ފަހަރު ތަށި ހޯދިފައެއް ނުވެ އެވެ.