Last Updated: July 14, 13:49
Tuesday, July 14, 2026
ކުޅިވަރު

ރައީސްގެ ތައުރީފު ދީމާ އަށް

ފާތިމަތު ދީމާ އަލީ - ފޮޓޯ: މޯލްޑިވްސް އޮލިމްޕިކް ކޮމިޓީ

ރާއްޖޭގެ ތާރީހުގައި އޮލިމްޕިކްސަށް ކޮލިފައިވި ފުރަތަމަ އެޓްލީޓުގެ ޝަރަފް ޒުވާން ޓޭބަލް ޓެނިސް ކުޅުންތެރިޔާ ފާތިމަތު ދީމާ އަލީ ހޯދުމާ ގުޅިގެން ރައީސް ޑރ. މުހައްމަދު މުއިއްޒު މަރުހަބާ ދަންނަވައިފި އެވެ.

ރައީސް "އެކްސް"ގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ މިއަދަކީ ދިވެހި ކުޅިވަރަށް ތާރީހީ ދުވަހެއް ކަމަށާއި ޓޭބަލް ޓެނިހުން ދީމާ ހޯދަމުންދާ ކާމިޔާބީތަކާ އެކު މުޅި ގައުމު ފަހުރުވެރިކޮށްދީފައިވާ ކަމަށެވެ. އަދި ފްރާންސްގެ ވެރިރަށް ޕެރިހުގައި ބާއްވާ އޮލިމްޕިކްސް މުބާރާތުގައި ދީމާ އަށް ކާމިޔާބީ އަށް ރައީސް އެދިވަޑައިގެންނެވި އެވެ.

ދީމާ އޮލިމްޕިކްސްއަށް ކޮލިފައިވީ ނޭޕާލުގައި މިހާރު ކުރިއަށްދާ ސައުތު އޭޝިއާ ރީޖަންގެ ކޮލިފިކޭޝަން ޓޯނަމެންޓްގައި ސިންގަލްސްއިން ޗެމްޕިއަންކަން ހޯދައިގެންނެވެ.

ފައިނަލް މެޗް ދީމާ ހަތަރު ސެޓް އެއް ސެޓުން ކާމިޔާބު ކުރީ ސްރީލަންކާގެ ބަންޑާރަ ބިމަންދީއާ ވާދަކޮށެވެ.

ރާއްޖޭގެ ތާރީހުގައި ކޮލިފައި ވެގެން އޮލިމްޕިކްސްގައި ވާދަ ކުރާނެ ފުރަތަމަ ކުޅުންތެރިޔާ އަށް ދީމާ ވެގެން ގޮސްފައިވާއިރު، ދީމާ ވަނީ ރާއްޖެއާއި ބޭރުގެ ގިނަ މުބާރާތްތަކެއްގައި ވާދަކޮށް ގިނަ ރަންވަނަ ތަކެއް ހޯދާފަ އެވެ.