Last Updated: July 14, 13:49
Tuesday, July 14, 2026
ކުޅިވަރު

ޗެލްސީ އަށް ޖެހިޖެހިގެން ހަތަރުވަނަ މޮޅު

އިނގިރޭސި ޕްރިމިއާ ލީގުގައި ރޭ ބްރައިޓަން އަތުން 2-1 އިން ކުރި ހޯދި ޗެލްސީން ލީގުގައި ޖެހިޖެހިގެން ހަތަރުވަނަ މޮޅު ހޯދައިފި އެވެ.

މި މޮޅާއެކު 37 މެޗުން 60 ޕޮއިންޓް ހޯދައިގެން ޗެލްސީ އޮތީ ހަވަނައިގަ އެވެ. ލީގުގެ ފަހު މެޗުން ޕޮއިންޓެއް ހޯދައިގެން ވެސް އަންނަ ސީޒަނުގެ ޔޫރަޕްގެ މުބާރާތަކުން ޖާގަ ހޯދުމުގެ ފުރުސަތު ޗެލްސީ އަށް މިހާރު އެބައޮތެވެ. ފަހު މެޗުގައި އަމިއްލަ ދަނޑުގައި ޗެލްސީ ނިކުންނާނީ ބޯންމަތްއާ ދެކޮޅަށެވެ.

ބްރައިޓަންގެ ދަނޑުގައި ކުޅުނު މި މެޗުގެ 34 ވަނަ މިނެޓްގައި ޗެލްސީން ވަނީ ލީޑު ނަގާފަ އެވެ. މާކް ކުކުރެލާ ނަގައިދިން ހުރަހެއް ބޮލުން ކުރިއަށް ފޮނުވާލައިގެން ޗެލްސީ އަށް ލީޑު ނަގައިދިނީ ކޯލް ޕާމާ އެވެ. މިއީ ލީގުގައި ޕާމާ ކާމިޔާބު ކުރި 22 ވަނަ ގޯލެވެ.

އަދި މެޗުގެ 64 ވަނަ މިނެޓްގައި މަލޯ ގުސްޓޯ ތަނަވަސްކޮށްދިން ފުރުސަތަކުން ކްރިސްޓޮޕާ އެންކުންކޫ ވަނީ ޗެލްސީގެ ދެވަނަ ގޯލު ކާމިޔާބުކޮށްދީފަ އެވެ. މި ގޯލަށް ފަހު ޗެލްސީ އަށް ލީޑު ފުޅާކޮށްލަން އިތުރު ފުރުސަތުތަކެއް ލިބުނުއިރު، މެޗުގެ 88 ވަނަ މިނެޓްގައި ރެފްރީ ވަނީ ޗެލްސީގެ ކެޕްޓަން ރީސް ޖޭމްސް އަށް ރަތްކާޑު ދައްކާފަ އެވެ. ޖޭމްސް އަށް ރަތްކާޑު ދެއްކީ ބްރައިޓަންގެ ކުޅުންތެރިއެއްގެ ގައިގައި ފައިން ޖެހުމުންނެވެ.

މި މެޗުގައި ބްރައިޓަން އިން ޖެހި ހަމައެކަނި ގޯލު ފަހު ވަގުތުކޮޅުތެރޭ ކާމިޔާބުކޮށްދިނީ ޑެނީ ވެލްބެކް އެވެ.

އިނގިރޭސި ޕްރިމިއާ ލީގުގައި ރޭ މެންޗެސްޓާ ޔުނައިޓެޑުން ވަނީ އަމިއްލަ ދަނޑުގައި 3-2 އިން ނިއުކާސަލް ޔުނައިޓެޑް ބަލިކޮށްފަ އެވެ. މި މޮޅާ އެކު ވެސް 57 ޕޮއިންޓާ އެކު ޔުނައިޓެޑް އޮތީ ލީގުގެ 8 ވަނައިގަ އެވެ. ނިއުކާސަލަށް ވެސް ހަމަ އެ އަދަދަށް ޕޮއިންޓު ލިބިފައިވާއިރު އެޓީމަށް 7 ވަނަ ލިބެނީ ގޯލުގެ ތަފާތުންނެވެ.

ޔުނައިޓެޑްގެ ގޯލުތައް މި މެޗުގައި ކާމިޔާބުކޮށްދިނީ ކޯބީ މައިނޫ އާއި އަމަޑް ޑިއާލޯގެ އިތުރުން ރަސްމުލް ހޮއިލުންޑް އެވެ. ނިއުކާސަލްގެ ދެ ގޯލު ކާމިޔާބުކޮށްދިނީ އެންތޮނީ ގޯޑަން އަދި ލުވިސް ހޯލް އެވެ.