އަންނަ މަހު ސިނަމާތަކަށް ގެންނަން ހަމަޖެހިފައިވާ ފިލްމު "އިޝްގް ވިޝްގީ ރީބައުންޑް" ޓީޒާ ޓްރެއިލާއެއް މިއަދު ދައްކާލައިފި އެވެ.
ޒުވާނުންނަށް ހާއްސަކޮށްގެން ހަދާފައިވާ މި ޒަމާނީ ލޯބީގެ ފިލްމަކީ ބޮލީވުޑްގެ މަޝްހޫރު ތަރި ޝާހިދު ކަޕޫރް 2003 ގައި ތައާރަފުކުރި ފިލްމު "އިޝްގް ވިޝްގް" އާ ބައެކެވެ. ނަމަވެސް އާ ފިލްމުގެ ކުރީގެ މައިގަނޑުގެ ކާސްޓްގެ އެއްވެސް ތަރިއަކު ނުހިމެނޭ އިރު، ފިލްމު ޑައިރެކްޓްކުރީީ ވެސް މުޅިން އާ މީހެކެވެ.
ޕްރޮޑިއުސަރު ރަމޭޝް ތައުރާނީގެ "އިޝްގް ވިޝްގް ރީބައުންޑް" ގެ ޑައިރެކްޓަރަކީ ނިޕުން އަވީނާޝް އެވެ. މީގެ މައިގަނޑު ކާސްޓްގައި ހިމެނެނީ މި ފަހުން އެކިއެކި ފިލްމުތަކުން ސަޕޯޓިން ރޯލުތަކުން ފެންނަ ރޯހިތު ސަރަފާ އެކީ އަލަށް ތައާރަފުކުރާ ފަންނާނުންތަކެކެވެ.
އޭގެ ތެރޭގައި ހިމެނެނީ ރިތިކް ރޯޝަންގެ ކަޒިންއެއް ކަމަށްވާ ޕަޝްމީނާ ރޯޝަނާއި ޖިބްރާން ޚާންގެ އިތުރުން ނާއިލާ ގަރޭވާލް އެވެ. ޕަޝްމީނާ އަކީ ރިތިކްގެ ބައްޕަ ޑައިރެކްޓަރު/ޕްރޮޑިއުސަރު ރާކޭޝް ރޯޝަންގެ ކޮއްކޮ އަދި މިއުޒިކް ޑައިރެކްޓަރު ރާޖޭޝް ރޯޝަންގެ ދަރިއެކެވެ. ޖިބްރާނާކީ އޭނަ ކުޑައިރު، 2001 ގެ ފިލްމު "ކަބީ ހުޝީ ކަބީ ޢަމް" ގައި ޝާހްރުކް ޚާނާއި ކާޖޮލްގެ ދަރިފުޅުގެ ރޯލު ކުޅުނު އެކްޓަރެވެ.
"އިޝްގް ވިޝްގް ރީބައުންޑް" ސިނަމާތަކަށް ގެންނަން ނިންމާފައި ވަނީ އަންނަ މަހުގެ 21 ގަ އެވެ.
ކެން ޑައިރެކްޓްކޮށް ގެނެސްދިން "އިޝްގް ވިޝްގް" ވަރަށް މަގުބޫލު ފިލްމަކަށްވެގެން ދިޔަ އިރު، އޭގެ ބަތަލާއިންނަކީ މިހާރު ބޮލީވުޑުން ގެއްލިފައިވާ އަމްރިތާ ރާއޯގެ އިތުރުން ޝެނާޒް ޓްރެޝަރީވާލާ އެވެ.