Last Updated: July 14, 13:49
Tuesday, July 14, 2026
ކުޅިވަރު

ހުމެލްސް އަށް ޖަރުމަނުގެ ސްކޮޑުން ފުރުސަތެއް ނެތް

އަންނަ މަހު ފަށާ ޔޫރޯ ފުޓްބޯޅަ މުބާރާތަށް ޖަރުމަނުން ނެގި ސްކޮޑުން ބްރޫޝިއާ ޑޯޓްމަންޑްގެ ތަޖުރިބާކާރު ޑިފެންޑަރު މެޓްސް ހުމެލްސް އަށް ފުރުސަތު ނުދޭން ނިންމައިފި އެވެ.

ޖަރުމަނުން މިއަދު އިއުލާން ކުރި 27 ކުޅުންތެރިންގެ ސްކޮޑުން ހުމެލްސް އަށް ފުރުސަތު ނުދޭން ނިންމިއިރު، މި ސީޒަނުގައި އޭނާ އަންނަނީ މޮޅު ކުޅުމެއް ދައްކަމުންނެވެ. އެގޮތުން ޗެމްޕިއަންސް ލީގު ފައިނަލަށް ޑޯޓްމަންޑް ގެންގޮސްދިނުމުގައި ވެސް ހުމެލްސް މުހިއްމު ދައުރެއް އަދާކޮށްފައިވެ އެވެ.

ހުމެލްސްގެ އިތުރުން ބަޔާން މިއުނިކުގެ މިޑްފީލްޑަރު ލިއޯން ގޮރެޓްޒްކާ އަށް ވެސް ސްކޮޑުން ފުރުސަތު ދީފައެއް ނުވެ އެވެ. އަދި އަނިޔާގެ ސަބަބުން ގޮރެޓްޒްކާ އާއެކު ބަޔާނަށް ކުޅެމުން އަންނަ ސާޖް ގްނެބްރީ ވެސް ސްކޮޑަށް ނަގާފައެއް ނުވެ އެވެ. ނަމަވެސް ބަޔާންގެ ޒުވާން މިޑްފީލްޑަރު ޕަވްލޮވިޗް އާއި ޑޯޓްމަންޑްގެ ޑިފެންޑަރު ނިކޮލަ ޝްލޮޓަބެކް އާއި ބަޔާ ލެވަކޫސަންގެ ޑިފެންޑަރު ޖޮނަތަން ޓާ އަށް ސްކޮޑުން ފުރުސަތު ދީފައިވެ އެވެ.

ޔޫރޯގެ ކުރިން ޖަރުމަނުން ޔުކްރޭން އަދި ގްރީސްއާ އެކު އެކުވެރިކަމުގެ މެޗުތަކެއް ކުޅުމަށް ހަމަޖެހިފައިވާއިރު، އެ ދެ މެޗަށްފަހު ސްކޮޑުން އަދި އެއް ކުޅުންތެރިއަކު ބާކީ ކުރާނެ އެވެ. ޔޫރޯ އަށް ގެންދެވޭނީ 26 ކުޅުންތެރިންގެ ސްކޮޑެކެވެ.

ކޮޕަ އެމެރިކާ ފުޓްބޯޅަ މުބާރާތް ކުރިއަށްދާނީ އަންނަ މަހުގެ 14 އިން ޖުލައި 14 އަށް ޖަރުމަނުގަ އެވެ. ޖަރުމަނު ހިމެނެނީ ގްރޫޕް އޭ ގައި ކަމަށްވާއިރު، އެ ގްރޫޕްގައި ދެން ހިމެނެނީ ސްކޮޓްލޭންޑް އާއި ހަންގޭރީ އަދި ސްވިޒަލޭންޑެވެ.