Last Updated: June 28, 12:01
Sunday, June 28, 2026
ޚަބަރު

އަނެއްކާވެސް އިސްމެހެލާ ހެރައިގެ ވާހަކަ

ވަރަށް އަވަހަށް އިސްމެހެލާ ހެރަ ގިނަ ބެޑްތަކަކާއި، ހެދުމަށް ރައީސް ޔާމީން އިއްލާން ކުރައްވާނެކަމަށް ޓޫރިޒަމް މިނިސްޓަރ އަހްމަދު އަދީބް ވިދާޅުވެއްޖެއެވެ.

ހަތަރު ވަޒީރުންނާއި މަޖްލިސްގެ 18 މެމްބަރުންނާއި އެކު މިއަދު އައްޑޫއަށް ވަޑައިގެން ހުޅުދޫ ބަނދަރުގައި ވާހަކަފުޅު ދައްކަވަމުން އަދީބް ވިދާޅުވީ، ސަރުކާރުން އިސްމެހެލާ ހެރަ ތަރައްޤީ ކުރާނެ ކަމަށާއި، އައްޑޫގެ ތަރައްޤީ ސަރުކާރުން ދޫކޮށްނުލާނެ ކަމަށެވެ.

"އައްޑޫގެ ތަރައްގީގެ ހުރިހާ ޕްލޭންތަކެއް ކުރިއަށް ގެންދިއުމަށް އަޅުގަނޑުމެންވި ވައުދު އިރާދަކުރެއްވިއްްޔާ ފުއްދާނަން،" އަދީބް ވިދާޅުވި އެވެ.

އަދީބް ވިދާޅުވީ އައްޑޫގެ ތަރައްޤީ ކުރުމުގެ ޕްލޭން ސަރުކާރުން ކުރިއަށް ގެންދާ ކަމަށާއި، މިއަހަރު ތެރޭގައި ހަގީގީ ގޮތަކަށް ގަން އިންޓަނޭޝަނަލް އެއާޕޯޓް ހުޅުވިގެންދާނެ ކަމަށެވެ.

އަދީބް މިގޮތަށް ވިދާޅުވިއިރު މިދިޔަ އަހަރުގެ މޭއި މަހުގެ 26 ވަނަ ދުވަހު "އައްޑޫލައިވް"އަށް ދެއްވި އިންޓަވިއުއެއްގައި އަދީބް ވިދާޅުވީ، އައްޑޫގެ ޓޫރިޒަމް ޕްލޭން މިދިޔަ ޖޫން މަހުގެ ތެރޭގައި އިއްލާން ކުރައްވާނެ ކަމަށާއި، އެކަމަށްޓަކައި އައްޑޫއަށް ޒިޔާރަތް ކޮށް އައްޑޫގައި ޓޫރިޒަމް ފުޅާ ކުރެވެން ހުރި ފުރުސަތު ބައްލަވާ ލައްވާނެ ކަމަށެވެ.

އޭގެ އިތުރުން 2012، ޖުލައި 15 ވަނަ ދުވަހު ހިތަދޫގައި ބޭއްވި ޖަލްސާއެއްގައި އަދީބް ވިދާޅުވީ އައްޑޫ ހަންކެޑެ ތަރައްގީކުރުމުގެ ޕްރޮޖެކްޓާއި އައްޑޫ ދަރުބާރުގެ (އިކްއެޓޯރިއަލް ކޮންވެންޝަން ސެންޓަރު) އާއި އައްޑޫ އެއާޕޯޓަކީ އައްޑޫގައި ޓޫރިޒަމް ފުޅާކުރުމަށް ކުރިއަށް ގެންދެވެން ހުރި ތަންތަން ކަމަށެވެ. އެހެންވެ ކެބިނެޓަށް ވެސް އެ ކަންކަން ހުށަހަޅައިގެން، ސަރުކާރު ތެރޭން އައްޑޫގައި ޓޫރިޒަމް ފުޅާކުރުމަށް ކުރިއަށް އޮތް ދޮޅު އަހަރު ތެރޭގައި މަސައްކަތްކޮށްދެއްވާނެ ކަމަށެވެ.

އައްޑޫގައި 5000 އެނދު ގާއިމް ކުރުމަކީވެސް މި ސަރުކާރުގެ ވައުދެކެވެ. އެ ވައުދު ފުއްދުމަށް އަދި މި ސަރުކާރުން ދައްކަނީ "ހުސް" ވާހަކަ ތަކެއް ކަމަށް އައްޑޫ ގިނަ ބަޔަކު ދަނީ ބުނަމުންނެވެ.