އަންނަ މަހު ފަށާ ޔޫރޯ ފުޓްބޯޅަ މުބާރާތަށް ފްރާންސުން ނެގި ސްކޮޑުން ތަޖުރިބާކާރު މިޑްފީލްޑަރު އެންގޯލޯ ކަންޓޭ އަށް ފުރުސަތު ދީފި އެވެ.
ސައުދީ އަރަބިއްޔާގެ އަލް އިއްތިހާދަށް ކުޅެމުން އަންނަ ކަންޓޭ ،33، އަށް ފްރާންސްގެ ސްކޮޑުން ޖާގަ ދީފައިވާއިރު، އޭނާ އެންމެފަހުން ފްރާންސްގެ ގައުމީ ޓީމަށް މެޗެއް ކުޅުނީ ޖޫން 2022 ގަ އެވެ.
ފްރާންސްގެ ކޯޗު ޑިޑިއޭ ޑެޝޯމްޕް ބުނީ އަނިޔާގެ މައްސަލަތަކުން ރަނގަޅުވެ ކަންޓޭ މިހާރު މުޅިން އެއްކޮށް ފިޓުވެފައިވާ ކަމަށާއި އޭނާގެ ތަޖުރިބާ އަކީ ފްރާންސްގެ ގައުމީ ޓީމަށް ބޭނުންތެރި އެއްޗެއް ކަމަށެވެ. އަދި ކަންޓޭއާ އެކު ޓީމު އިތުރަށް ވަރުގަދަ ވާނެ ކަމާމެދު ޝައްކު ނުކުރާ ކަމަށްވެސް ޑެޝޯމްޕް ބުންޏެވެ.
ކަންޓޭގެ އިތުރުން ޕީއެސްޖީ އަށް ކުޅެމުން އަންނަ ވަރެން ޒައޭ-އެމެރީ ،18، އަދި ބްރެޑްލީ ބާކޯލާ ،21، އަށް ވެސް ވަނީ ސްކޮޑުން ފުރުސަތު ދީފަ އެވެ.
𝑯𝒆𝒓𝒆 𝒊𝒕 𝒊𝒔 😍
The 2⃣5⃣ French players who have been called up for EURO 2024 👊#BleuCollectif | #EURO2024 pic.twitter.com/svAdmZMbuX
— French Team ⭐⭐ (@FrenchTeam) May 16, 2024
މުބާރާތުގެ ފެވަރިޓުންގެ ތެރޭގައި ހިމެނޭ ފްރާންސުން ވަނީ ޔޫރޯ ދެ ފަހަރެއްގެ މަތިން މީގެކުރިން ކާމިޔާބުކޮށްފަ އެވެ. ފްރާންސް މިފަހަރު ލައްވާލާފައިވަނީ ގްރޫޕް ޑީ ގައި ކަމަށްވާއިރު، އެ ގްރޫޕްގައި ދެން ހިމެނެނީ ނެދަލޭންޑްސް އާއި ޕޮލެންޑް އަދި އޮސްޓްރިއާ އެވެ.
ގްރޫޕްގެ ފުރަތަމަ މެޗުގައި އަންނަ މަހުގެ 17 ގައި ފްރާންސް ބައްދަލުކުރާނީ އޮސްޓްރިއާއާ އެވެ.