Last Updated: June 12, 11:16
Friday, June 12, 2026
ޚަބަރު

އެޗްއެސްބީސީގެ ރާއްޖޭގެ ބްރާންޗް ހުއްޓާލަނީ

އެޗްއެސްބީސީގެ ހިދުމަތް ރާއްޖޭގައި ހުއްޓާލަން ނިންމައިފި އެވެ.

ހަމައެކަނި ހޯލްސޭލް ބޭންކިންގެ ހިދުމަތް ދެމުން އަންނަ އެ ބޭންކްގެ ރާއްޖޭގެ ބްރާންޗް ހުއްޓާލަން ނިންމީ 22 އަހަރުގެ ހިދުމަތަށް ފަހު އެވެ. އެޗްއެސްބީސީގެ ބްރާންޗެއް ރާއްޖޭގައި ހުޅުވީ މެއި، 15، 2002 ގަ އެވެ.

މިކަމާ ގުޅޭ ގޮތުން އެ ބޭންކުން ނެރުނުބަޔާނެއްގައި ބުނީ ރާއްޖެ ބްރާންޗްގެ އޮޕަރޭޝަންތައް ރިވިއު ކުރުމަށް ފަހު ބަންދުކުރަން ނިންމާފައިވާ ކަމަށެވެ. ރާއްޖޭގެ ބްރާންޗް ބަންދުކުރި ނަމަވެސްރާއްޖެއަށް ހާއްސަކޮށް އެޗްއެސްބީސީ ސްރީ ލަންކާގައި ގާއިމުކުރާ ޑެސްކުން، ދިވެހި އިންޓަނޭޝަނަލް ކޯޕަރޭޓް ކަސްޓަމަރުންނަށް ހިދުމަތް ދެމުން އަންނާނެ ކަމަށް އެތަނުން ބުންޏެވެ.

ރާއްޖޭގެ ބްރާންޗް ބަންދުކުރަން ތައްޔާރުވާތީ ކަސްޓަމަރުންނާއި މުވައްޒަފުންނަށް ދަތިނުވާނެ ގޮތަކަށް އެކަން ކުރާނެ ކަމުގެ ޔަގީންކަން އެޗްއެސްބީސީން ދީފައިވެ އެވެ.

ރާއްޖޭގައި ހިންގަމުން އަންނަ ބޭރުގެ ބޭންކްތަކުގެ ތެރޭގައި ސްޓޭޓް ބޭންކް އޮފް އިންޑިއާ (އެސްބީއައި)، ބޭންކް އޮފް ސިލޯން ބޭންކް (ބީއޯސީ)، ހަބީބު ބޭންކް ލިމިޓެޑް (އެޗްބީއެލް) އަދި މޮރިޝަސް ކޮމާޝަލް ބޭންކް އޮފް މޯލްޑިވްސް (އެމްސީބީ) ހިމެނެ އެވެ.