Last Updated: July 21, 09:22
Tuesday, July 21, 2026
ޚަބަރު

އުރީދޫގެ ފުރަތަމަ ޑިޖިޓަލް އައިލެންޑަކަށް ލަންދޫ

އުރީދޫގެ ފުރަތަމަ ޑިޖިޓަލް އައިލެންޑްގެ ލަގަބު ނ. ލަންދޫ އަށް ލިބިއްޖެ އެވެ.

އުރީދޫން ބުނީ ލަންދޫގައި އުރީދޫ ޑިޖިޓަލް އައިލެންޑް އިނީޝިއޭޓިވް އިފްތިތާހު ކުރުމަކީ، އޭއައިގެ އެހީގައި ޑިޖިޓަލް ރާއްޖެއެއް ބިނާކުރުމަށް އެ ކުންފުނިން ކުރާ މަސައްކަތަށް އިތުރުވި ބޮޅެއް ކަމަށެވެ. މި މަސައްކަތަކީ އުރީދޫއިން މުޅި ރާއްޖެ އެއްކޮށް ޑިޖިޓަލް މޯލްޑިވްސް އަކަށް ހަދައި ހުރިހާ ކަންކޮޅުތަކުގައި ތިބި ރައްޔިތުންނަކީ ވެސް މިކަމުގައި ޝާމިލްވާ ބަޔަކަށް ހެދުމަށް ކުރާ މަސައްކަތުގެ ތެރެއިން މުހިންމު މަސައްކަތެއް ކަމަށް އުރީދޫން ބުނެ އެވެ.

އުރީދޫ ޑިޖިޓަލް އައިލެންޑް ޕްރޮގްރާމުގެ އަމާޒަކީ ހާއްސަކޮށް ސިއްހީ ދާއިރާ، ތައުލީމީ ދާއިރާ އަދި ވިޔަފާރި ފަދަ ނާޒުކު ދާއިރާތައް ކުރިއެރުވުމާއި ކުރިއެރުމަށް އިތުރު މަގުތަކެއް ފަހިކޮށްދިނުމެވެ.

އުރީދޫގެ ސީއީއޯ ޚާލިދު އަލް ހަމާދީ ވިދާޅުވީ އުރީދޫ ޑިޖިޓަލް އައިލެންޑް ޕްރޮގްރާމްގެ އިފްތިތާހީ ރަށެއްގެ ގޮތުގައި ލަންދޫ ކަނޑައެޅުމަކީ ލިބޭ ވަރަށް ބޮޑު ޝަރަފެއް ކަމަށާއި އުރީދޫގެ ޑިޖިޓަލް ޕޭމަންޓް ޕްލެޓްފޯމް، އެމް-ފައިސާ، ލަންދޫ ރައްޔިތުންގެ އާންމު ދިރިއުޅުމުގެ ތެރެއަށް މިދިޔަ އަހަރު އިންޓަގްރޭޓް ކުރުމަކީ ރަށުގެ ރައްޔިތުންނަށް ފައިސާގެ މުއާމަލާތްތައް ކުރުމުގައި ލިބުނު ވަރަށް ބޮޑު ކުރިއެރުމެއް ކަމަށެވެ.

އަދިއުރީދޫ މެދުވެރިކޮށް ކުރާ މުއާމަލާތްތަކުގެ 80 ޕަސެންޓަކީ ޑިޖިޓަލްކޮށް ކުރެވޭ މުއާމަލާތްތަކެއްކަން ސީއީއޯ ފާހަގަކުރެއްވި އެވެ.

ލަންދޫ ކައުންސިލްގެ ރައީސް އަބްދުލް އަޒީޒް މުހައްމަދު ވަނީ އުރީދޫ އިން އިސްނަގައިގެން ކުރިއަށް ގެންދާ މަސައްކަތަށް ވަރަށް އިޚްލާޞްތެރިކަމާއެކު ޝުކުރު އަދާކޮށްފަ އެވެ.

"ޓެކްނޮލޮޖީގެ ބޭނުން ހިފައި، ރަށުގެ ރައްޔިތުންނަށް ޢާންމު ޚިދްމަތްތަކާއި، މުޅި ދިރިއުޅުމުގެ ޙާލަތު ރަނގަޅުކުރުމަށް ޓަކައި، އަޅުގަނޑުމެންގެ ކައުންސިލްގެ ވަރަށް ބޮޑު އަމާޒެއް އެބައޮތް. އުރީދޫ މޯލްޑިވްސްއާ ގުޅިގެން މަސައްކަތްކޮށްގެން، ލަންދޫގެ ރައްޔިތުންނަށް އިތުރު ފައިދާއެއް ކުރާނެ އާ ޒަމާނުގެ ޑިޖިޓަލް ސޮލިއުޝަންތަކެއް ތައާރަފްކުރެވޭނެ ކަމަށް އުންމީދު ކުރަން،" އަޒީޒް ވިދާޅުވި އެވެ.
.
އުރީދޫން ވަނީ ހައިސްޕީޑް ޓެލެކޮމިއުނިކޭޝަން ނެޓްވޯކާއި އެންމެ ފަހުގެ ޓެކްނޮލޮޖީއާއެކު އީޖާދީ ހިދުމަތްތަކުގެ ބޭނުން ހިފައި، އޭއައިގެ އެހީގައި އާ ޑިޖިޓަލް ޒަމާނުގައި އެންމެ ކުރީ ސަފުގައި ލަންދޫ ދެމިއޮންނާނެ ކަން ކަށަވަރުކޮށް، ޑިޖިޓަލް މި ޒަމާނުގައި އެންމެ ފަހުގެ ކުރިއެރުންތައް ރައްޔިތުންނަށް ލިބޭނެ ކަން ކަށަވަރުކޮށްދޭނެ ކަމަށް ބުނެފަ އެވެ.