Last Updated: July 14, 13:49
Wednesday, July 15, 2026
ޚަބަރު

ގިނަ މީހުން މުދަލު ޒަކާތް ނުދައްކާ: ހުތުބާ

ގިނަ ބަޔަކު މުދަލު ޒަކާތް ނުދައްކާކަން ފާހަގަކުރެވޭ ކަމަށް މިއަދުގެ ހުކުރު ހުތުބާގައި ބުނެފި އެވެ.

ހުކުރު ހުތުބާގައި ބުނީ ބައެއް މީހުންނަށް ހީވެފައި އޮންނަނީ ޒަކާތަކީ ހަމައެކަނި ފިޠުރު ޒަކާތް ކަމުގައި ކަމަށާއި އެހެންކަމުން މަދު މީހަކު މެނުވީ ފިޠުރު ޒަކާތް ދެއްކި ނަމަވެސް ވަރަށް ގިނަބަޔަކު މުދަލު ޒަކާތް ނުދައްކާކަން ފާހަގަކުރެވޭ ކަމަށެވެ. ޙަޤީޤަތުގައި މިއީ ވަރަށްބޮޑު އޮޅުމެއް ނުވަތަ ކުށްހީއެއް ކަމަށާއި ކީރިތި ޤުރްއާނުގައި ކަނޑައަޅުއްވައި ފަރުޟު ކުރައްވާފައިވާ ޒަކާތަކި މުދަލު ޒަކާތް ކަމަށް ހުތުބާގައި ބުންޏެވެ. އަދި އިސްލާމްދީނުގެ ރުކުނެއް ކަމުގައި ކަނޑައަޅުއްވާފައިވާ ޒަކާތަކީވެސް މުދަލު ޒަކާތް ކަމަށް ބުނެފައިވެ އެވެ.

"ފިޠުރު ޒަކާތަކީ ވެސް ވާޖިބެކެވެ. އެހެނަސް އެއީ އިސްލާމްދީނުގެ ރުކުނެއް ނޫނެވެ. އެހެންކަމުން ޒަކާތުގެ ނިޞާބުހަމަވާ މިންވަރަށް ތިމާގެ އަތުގައި ފައިސާ ނުވަތަ މުދާ ހުރެފައި، އެއަށް ހަނދުމަހުން އެއްއަހަރު ހަމަވުމުން ޒަކާތް ނެރުން ވާޖިބުވާނެ އެވެ. އޭގެ މިންވަރަކީ ފައިސާގެ ނުވަތަ މުދަލުގެ ސާޅީސް ބައިކުޅަ އެއްބަޔެވެ،" ހުކުރު ހުތުބާގައި ބުނެފައިވެ އެވެ.

މުސްލިމުން ނަމާދު ކުރަން ދަސްކުރާ ފަދައިން، ޙައްޖަށް ދާން އުޅޭއިރު، ޙައްޖުގެ އަޅުކަން އަދާކުރާނޭ ގޮތް ދަސްކުރާ ފަދައިން، ޒަކާތާބެހޭ ޙުކުމްތައް ވެސް ދަސްކުރަން ޖެހޭކަން ހުތުބާގައި ފާހަގަކޮށްފައިވެ އެވެ. އަދި ވަކިން ޚާއްޞަކޮށް ތަނަވަސްކަމުގެ އަހުލުވެރިން، މިކަން ކުރަން އޮންނަގޮތް ދެނެގަންނަންޖެހޭ ކަމަށްވެސް ބުނެފައިވެ އެވެ.

ތަނަވަސްކަމުގެ އަހުލުވެރިން، އެބައިމީހުންގެ މުދަލުން ޒަކާތް އަދާކުރާނަމަ އިސްލާމީ މުޖްތަމަޢުގެ ވަރަށް ގިނަ އިޖްތިމާޢީ މައްސަލަތައް ހައްލުވާނެ ކަމަށާއި ޙަސަދަވެރިކަމާއި، ރުޅިވެރިކަން އެބައިމީހުންގެ މެދުން ފިލައި، އެބައިމީހުންގެ މެދުގައި ފަޤީރުކަން ނެތި، މުޖްތަމަޢުގެ އެންމެހައި ފަރުދުން ފުދުންތެރި ބަޔަކަށް ވާނެ ކަމަށް ހުތުބާގައި ބުންޏެވެ.