ޔުވެންޓަސްގެ ކޯޗުކަމުން މަސިމިލިއާނޯ އެލެގްރީ ވަކިކޮށްފި އެވެ.
އިޓާލިއަން ލީގުގައި ބާކީ ދެ މެޗު އޮއްވާ ޔުވެންޓަސްގެ ކޯޗުކަމުން އެލެގްރީ ވަކިކޮށްފައިވަނީ އިޓާލިއަން ކަޕްގެ ފައިނަލްގައި 1-0 އިން އެޓަލާންޓާ ބަލިކޮށް ޔުވެންޓަސް ޗެމްޕިއަންކަން ހޯދި މެޗުގައި ހިނގާދިޔަ ކަންތައްތަކާ ގުޅިގެންނެވެ.
އެގޮތުން މެޗު އޮފިޝަލުންނާ ޒުވާބު ކުރުމުގެ ސަބަބުން އެލެގްރީ އަށް ރަތްކާޑު ދެއްކިއިރު، މެޗަށްފަހު އޭނާ ވަނީ ޔުވެންޓަސްގެ ސްޕޯޓިން ޑިރެކްޓަރާއި ދެމެދު ވެސް ބަހުގެ ހަމަލާތައް އަމާޒުކޮށްފަ އެވެ. އެ މެޗުގައި އެލެގްރީގެ އަމަލުތައް ހުރި ގޮތް އިޓަލީގެ ފުޓްބޯޅަ އިދާރާ އިން އަންނަނީ ތަހުގީގު ކުރަމުންނެވެ.
ޔުވެންޓަސް އިން ބުނީ ކަޕް ފައިނަލްގައި އެލެގްރީގެ ފަރާތުން ފެނިގެން ގޮސްފައިވަނީ ކްލަބުން ގަބޫލުކުރާ އުސޫލުތަކާ މުޅިން ވެސް ހިލާފު ކަންތައްތަކެއް ކަމަށެވެ.
މި ސީޒަނަށް ފަހު އެލެގްރީ މަގާމުން ވަކިކުރާނެ ކަމަށް މީގެކުރިން ވެސް އޮތީ ބެލެވިފަ އެވެ. އޭނާގެ ބަދަލުގައި ޔުވެންޓަސް އިން އަންނަނީ ބޮލޯންޔާގެ ކޯޗުގެ މަގާމުގައި ހުރި ތިއާގޯ މޯޓާ ގެންނަން މަސައްކަތް ކުރަމުންނެވެ.
ލީގުގެ ފަހު ދެ މެޗުގައި ޔުވެންޓަސް ބައްދަލުކުރާނީ ބޮލޯންޔާ އަދި މޮންޒާއާ އެވެ. އެ ދެ މެޗުގައި ޔުވެންޓަސް އަށް އިރުޝާދު ދޭނީ ވަގުތީ ކޯޗެކެވެ. ޔުވެންޓަސް މިވަގުތު އޮތީ ލީގުގެ ހަތަރުވަނައިގަ އެވެ.