އައްޑޫގެ ވިޔަފާރިތަކުން އެންގުމަކާއި ނުލައި ކަރަންޓް ބިކް ބޮޑު ކުރި މައްސަލާއި ގުޅިގެން، ކަރަންޓް ކުރިން ދެމުން ދިޔަ އަގަށް ބަދަލު ގެންނަން ދެން ހުއްޓާ ނުލާ އިހްތިޖާޖް ކުރާނެކަމަށް އައްޑޫ ވިޔަފާރިވެރިން ބުނެފިއެވެ.
ކަރަންޓް ބިލް ބޮޑުކުރި މައްސަލާއިގެ ކަންބޮޑުވުން ރައްޔިތުންގެ މަޖިލިސްގެ މެމްބަރުންނަށް އެރުވުމަށް އިއްޔެ ކައުންސިލް އިދާރާގައި ބޭއްވި ބައްދަލުވުމުގައި، ވިޔަފާރިވެރިން ބުނީ، އައްޑޫ ރައްޔިތުން ނިކަމެތި ކޮށްލުމަށް ސަރުކާރުން ރާވައިގެން ހިންގާ ޖަރީމާ ހުއްޓާލަން ދެން އިހްތިޖާޖް ކުރާނެ ކަމަށާއި، ކަރަންޓް ބިލް ނުދައްކާނެ ކަމަށެވެ.

މާލެ އާއި، ރާއްޖޭގެ އެހެން ސަރަހައްދުތަކާއި، އައްޑޫ އާއި ދެމެދު ކަރަންޓްގެ އަގުގެ ބޮޑު ތަފާތެއް ހުރި އިރު އައްޑޫ ވިޔަފާރިތަކާއި އާއްމުންނަށް ފޯރުކޮށްދޭ ކަރަންޓްގެ އަގުގައި %71 ފަރަގެއް ހުރިކަމަށް ވިޔަފާރިވެރިން ބުންޏެވެ.
އަދި އައްޑޫގެ އެއްވެސް ރައްޔިތަކަށް ސަރުކާރުން އެހެން ސަރަހައްދުތަކަށް ދެމުން ދިޔަ ޔޫސާ ސަބްސިޑީ ދީފައި ނުވާ އިރު، ކަރަންޓް ބިލް ބޮޑުވީ ސބްސިޑީ ކަނޑާލުމުން ކަމަށް ބުނެ ދައްކާ ވާހަކަ އައްޑޫ ވިޔަފާރިވެރިން ވަނީ ދޮގު ކޮށްފައެވެ.
އިއްޔެގެ ބައްދަލުވުމުގައި ވާހަކަ ދެއްކި ބައެއް ވިޔަފާރިވެރިން ބުނީ ކަރަންޓް ބިލް ބޮޑު ކުރީ ވިޔަފާރި ތަކުން ނޫން ކަމަށާއި، ކަރަންޓް ބިލް ބޮޑު ކުރީ ނުސީދާކޮށް އާއްމު ރައްޔިތުން އަތުން ކަމަށެވެ.
ރައްޔިތުންގެ މަޖްލީހުގެ މަރަދޫ ދާއިރާގެ މެމްބަރު އިބްރާހިމް ޝަރީފް އާއި މީދޫ ދާއިރާގެ މެމްބަރު ރޮޒައިނާ އާދަމްގެ އިތުރުން ހިތަދޫ ދެކުނު ދާއިރާގެ މެމްބަރު އަލީ ނިޒާރު ބައިވެރިވެވަޑައިގެންނެވި ބައްދަލު ވުމުގައި، މެމްބަރުން ވިދާޅުވީ އައްޑޫގެ ވިޔަފާރި ތަކާއި، އާއްމުންނަށް ދިމާވެފައިވާ މި މައްސަލަ ހައްލު ކުރުމަށް މަޖްލިސް ތެރެއިން ކުރެވެން ހުރި ހުރިހާ މަސައްކަތެއް ކުރާނެ ކަމަށެވެ.
ކަރަންޓްގެ މައްސަލަ މަޖްލިސްގެ ސަރުކާރު ޒިއްމާދާރު ކުރާ ކޮމެޓީއަށް ފޮނުވާފައިވާ އިރު އެ ކޮމެޓީގައި ހިމެނި ވަޑައިގަންނަވާ ރޮޒައިނާ އާއި ޝަރީފް ވިދާޅުވީ މައްސަލަ ހުށަހެޅުއްވި ކަން އަދި އަންގާފައި ނުވާ ކަމަށެވެ. ނަމަވެސް ކޮމެޓީގެ ތިން މެމްބަރުންގެ ސޮޔާއި އެކު ކުއްލި މައްސަލައެއްގެ ގޮތުގައި އެމައްސަލަ ކޮމެޓީއަށް ހުށަހަޅާނެ ކަމަށެވެ.
ކަރަންޓް އަގު ދަށްކުރުމަށް ގޮވާލައި މިއަދު ހަވީރު ހިތަދޫގައި ހިނގާލުމެއް ބޭއްވުމަށް ވަނީ ނިންމާފައެވެ.