ޑާކް ރެއިން އެންޓަޓައިންމަންޓުން މި އަހަރުގެ މާޗް މަހުގެ ތެރޭގައި އެޅުވި ފިލްމު "ފުރޭތަ" މީޑިއާނެޓުން ޕްރީމިއާކުރަން ހަމަޖެހިޖެއްޖެ އެވެ.
އެ ކުންފުނީގެ އެމްއެސް ވީޑިއޯކުލަބުން ފިލްމު ޕްރީމިއާކުރަން ހަމަޖެހިފައި ވަނީ މި މަހުގެ 30 ގަ އެވެ.
މާޗް 7 ގައި އެޅުވި "ފުރޭތަ" އަކީ އަހުމަދު ތޮލާލްގެ ސްކްޕްރީންޕްލޭއަކަށް، އަލީ ޝިފާއު (ޗިއްޕެ) ޑައިރެކްޓްކުރި ރިވެންޖް އެކްޝަން ތުރިލާއެކެވެ. މީގެ ކާސްޓްގައި ޝަރަފު އަބްދުﷲ، ރަވީ ފާރޫގް، މުހައްމަދު މަނިކު، އައިޝަތު އަސީލާ، ހަމްދާން ފާރޫގް، މުހައްމަދު ރިފްޝާންގެ އިތުރުން އަލީ ނަދީހު ފަދަ ތަރިން ހިމެނެ އެވެ.
"ފުރޭތަ" އަކީ ޑާކް ރެއިނުން މި އަހަރު ގެނެސްދިން ފުރަތަމަ ފީޗާ ފިލްމެވެ. އަދި މި އަހަރު އޮލިމްޕަހުގައި އެޅުވި ހަތަރު ވަނަ ފިލްމެވެ.
މިހާތަނަށް ކާމިޔާބު އެތައް ފިލްމެއް ގެނެސްދީފައިވާ ސްޓޫޑިއޯ އިން ބުނެފައިވާ ގޮތުގައި ދެން އެންމެ އަވަހަށް ބެލުންތެރިންނަށް ގެނެސްދޭނެ ފިލްމަކީ ހޮރޯ-ކޮމެޑީ "ބިބީ" އެވެ. އެކަމަކު އަދި ވަކި ތާރީހެއް އިއުލާނެއް ނުކުރެ އެވެ.