Last Updated: July 20, 09:55
Monday, July 20, 2026
މުނިފޫހިފިލުވުން

ސިތާދާއި ކްރިތީ ލޯބީގެ ފިލްމަކަށް

މިހާތަނަށް އަދި އެކީގައި ފިލްމެއްގެ މަސައްކަތްކޮށްފައި ނުވާ ބޮލީވުޑްގެ ދެ ތަރިން ކަމަށްވާ ސިދާތު މަލްއުތުރާ އާއި ކްރިތީ ސެނަން ލޯބީގެ ފިލްމަކަށް ސޮއިކޮށްފައިވާ ކަމަށް ރިޕޯޓްތައް ބުނެފި އެވެ.

ފިލްމީ ޚަބަރުތައް ގެނެސްދޭ މީޑިއާތަކުން ބުނީ މި ފިލްމަކީ ޕްރޮޑިއުސަރު ދިނޭޝް ވިޖަންގެ މެޑޮކް ފިލްމްސް އިން ހަދަން ނިންމާފައިވާ އެއްޗެއް ކަމަށެވެ. ނަމަވެސް މި ފިލްމުގެ ނަމާއި މީގެ ޑައިރެކްޓްކުރާނެ މީހަކާ ބެހޭ އެއްވެސް މައުލޫމާތެއް އަދި ނުލިބެ އެވެ.

މީޑިއާތަކުން ބުނީ މާ ލަސްތަކެއް ނުވެ ފިލްމު ރަސްމީކޮށް އިއުލާން ކުރާނެ ކަމަށް ބެލެވޭ ކަމަށެވެ.

މެޑޮކްސްގެ ވަރަށް ބޮޑު ފެވަރިޓެއްގެ ގޮތުގައި ފާހަގަކޮށްލެވޭ ކްރިތީ މިހާތަނަށް އެ ސްޓޫޑިއޯގެ ގިނަ ފިލްމުތަކެއް ކުޅެފައިވެ އެވެ. އޭގެ ތެރެއިން އެންމެ ފަހުގެ ފިލްމަކީ ޝާހިދު ކަޕޫރް ބަތަލުގެ ރޯލު ކުޅެ، މި އަހަރުގެ ފެބްރުއަރީގައި ރިލީޒްކުރި "ތޭރީ ބާތޯ މޭ އޭސާ އުލްޖާ ޖިއާ" އެވެ.

ކްރިތީ އަށް މޮޅު ބަތަލާގެ ނެޝަނަލް އެވޯޑް މިދިޔަ އަހަރު ލިބުނު "މިމީ" އަކީ ވެސް މެޑޮކްގެ ފިލްމެކެވެ. އޭނަގެ އެންމެ ފަހުގެ ފިލްމަކީ މާޗްގައި ރިލީޒްކުރި "ކްރޫ" އެވެ. ކްރިތީ ދެން އެންމެ އަވަހަށް ފެންނާނީ ނެޓްފްލިކްސްގެ "ދީ ޕައްތީ" އިންނެވެ.

މަޝްހޫރު ބަތަލާ ކިއާރާ އަދުވާނީގެ ފިރިމީހާ ސިދާތުގެ އެންމެ ފަހުގެ ފިލްމަކީ މާޗްގައި ރިލީޒްކުރި "ޔޯދާ" އެވެ.