Last Updated: July 20, 09:55
Monday, July 20, 2026
މުނިފޫހިފިލުވުން

އަނިލް އާއި ރާނީ އަލުން ގުޅެނީ

މީގެ 23 އަހަރު ކުރިން ރިލީޒްކުރި ކާމިޔާބު ފިލްމު "ނަޔަކް: ދަ ރިއަލް ހީރޯ" ގެ ސީކްއެލްގެ ލީޑް ތަރިން ކަމަށްވާ އަނިލް ކަޕޫރާއި ފރާނީ މުކަރްޖީ އެ ފިލްމުގެ ސީކްއެލްގައި މަސައްކަތް ކުރަން ހަމަޖެހިފައިވާ ކަމަށް ރިޕޯޓްތައް ބުނެފި އެވެ.

ޑައިރެކްޓަރު އެސް ޝަންކަރްގެ "ނަޔަކް" އަކީ ސެޕްޓެމްބަރު 7، 2001 ގައި ރިލީޒްކުރި ވަރަށް ކާމިޔާބު ފިލްމެކެވެ. މި ޕޮލިޓިކަލް އެކްޝަން ތުރިލާ އަކީ އޭނަގެ 1999 ގެ ތަމަޅަ ފިލްމު "މުދަލްވަން" ގެ ރިމޭކެކެވެ. މީގައި ކިޔައިދެނީ މަހާރަޝްތުރާ ސްޓޭޓްގެ ކޮރަޕްޓްވެފައިވާ ޗީފް މިނިސްޓަރު ކުރާ ޗެލެންޖަކާ ގުޅިގެން އެއް ދުވަހަށް އެ މަގާމު ފުރަން ޖެހިލުން ކުޑަ ނޫސްވެރިޔަކާ ހަވާލު ކުރުމުން އޭނަ ކުރާ މަސައްކަތްތަކެވެ.

މީގެ ކުރިން ވެސް "ނަޔަކް" ގެ ދެވަނަ ބައެއްގެ ހެދުމުގެ ވާހަކަ ވަރަށް ބޮޑަށް ދެކެވިފައި ވަނިކޮށް މިދިޔަ ހަފުތާގައި މިޑް-ޑޭ އަށް ދިން އިންޓަވިއުއެއްގައި ފިލްމުގެ ޕްރޮޑިއުސަރު މުކުތު ބުނީ ދެވަނަ ބައިގެ ސްކްރީންޕްލޭގެ މަސައްކަތް މިހާރު ވަރަށް ބާރަށް ކުރިއަށްދާ ކަމަށެވެ. އަދި ލަސްތަކެއް ނުވެ ފިލްމު ރަސްމީކޮށް އިއުލާން ކުރާނެ ކަމަށް ވެސް ބުންޏެވެ.

މުކުތު ބުނި ގޮތުގައި "ނަޔަކް 2" ކުރިއަށް ގެންދާނީ ފުރަތަމަ ބައި ނިމުނު ހިސާބުންނެވެ. އަދި ކުރީގެ ފިލްމާ އެއްގޮތަށް އަނިލް އާއި ރާނީ އެ މީހުންގެ ރޯލުން ފެނުމުގެ ފުރުސަތު ވަރަށް ބޮޑު ކަމަށެވެ.

ނަމަވެސް އާ ފިލްމު ޑައިރެކްޓްކުރާނެ މީހަކު އަދި ނުނިންމަ އެވެ. މުކުތު ބުނީ ނަންތަމެއް ޝޯޓްލިސްޓް ކުރެވިފައި އެބަހުރި ކަމަށެވެ.