އައްޑޫ ވިޔަފާރިތަކުގެ ކަރަންޓް ބިލް އެންގުމަކާއި ނުލައި ބޮޑު ކުރި މައްސަލާއި ގުޅިގެން މިވަގުތު އައްޑޫގައި ތިއްބެވި ސަރުކާރުގެ އިސްވެރިންނާއި ބައްދަލު ކުރަން އުޅުމުން އެފަރާތްތަކުން ދެކޮޅު ހަދައިފިއެވެ.
އައްޑޫގެ ހަތަރު ފުޓްސަލް ދަނޑެއް ހުޅުވުމަށް ރައްޔިތުންގެ މަޖިލިސްގެ ސަރުކާރަށް ނިސްބަތްވާ 18 މެމްބަރުންނާއި ހަތަރު ވަޒީރުންނާއި ބައްދަލު ކުރުމަށް ހަމަޖެހިފައި އޮތީ މެންދުރު ފަހު 2 ޖަހާއިރު ކައުންސިލް އިދާރާގައެވެ. ނަމަވެސް ވަގުތު ޖެހުނު އިރު ސަރުކާރުގެ ފަރާތުން އެއްވެސް ބޭފުޅަކު ބައްދަލު ވުމަށް ހާޒިރުވެވަޑައި ނުގަތެވެ.
ވިޔަފާރިވެރިންގެ ފަރާތުން އެކުލަވާލާފައިވާ ސްޓިއަރިން ކޮމެޓީގެ އޮފިޝަލަކު ވިދާޅުވީ، ޓޫރިޒަމް މިނިސްޓަރ އަހްމަދު އަދީބް އާއި އެނާޖީ މިނިސްޓަރ މުހައްމަދު ޠޯރިގް އާއި ސަރުކާރަށް ނިސްބަތްވާ ފަރާތްތަކަށް ނާދެވުނީ ކަނޑު ގަދަވެގެން އެފަރާތްތަކަށް ހުޅުމީދޫން ހިތަދޫއަށް ދެވެން ނެތިގެން ކަމަށް ބުނެފައިވާ ކަމަށެވެ.
"އައްޑޫލައިވް"އަށް މައުލޫމާތު ލިބިފައިވާ ގޮތުގައި ސަރުކާރުގެ އިސްވެރިންގެ ބައްދަލުވުމެއް ހަވީރު 3 އިން ފެށިގެން ފޭދޫ ސްކޫލްގައި ކުރިއަށްދާއިރު، މިއަދު ހަވީރު 4 ޖަހާއިރު ފޭދޫ ޕީޕީއެމް އޮފީސް ހުޅުވުމަށް އެބޭފުޅުން ވަނީ ފޭދޫއަށް ވަޑައިގެންފައެވެ.
އައްޑޫގެ ކަރަންޓް މައްސަލާއި ގުޅިގެން ހިތަދޫ ދެކުނު ދާއިރާގެ މެމްބަރު އަލީ ނިޒާރު، އާއި މީދޫ ދާއިރާގެ މެމްބަރު ރޮޒައިނާ އާދަމް އާއި މަރަދޫ ދާއިރާގެ މެމްބަރު އިބްރާހިމް ޝަރީފް އާއި އެކު އިއްޔެ ވިޔަފާރިވެރިން ވަނީ ކައުންސިލް އިދާރާގައި ބައްދަލުކޮށްފައެވެ.
އަދި މިއަދު ހެނދުނު ހުޅުދޫ ދާއިރާގެ މެމްބަރު މުހައްމަދު ޝާހިދް އާއި ފޭދޫ ދާއިރާގެ މެމްބަރު އިބްރާހިމް ދީދީ އާއި ބައްދަލު ކުރަން ހަމަޖެހިފައިވަނިކޮށް ފަހު ވަގުތު ވަނީ ބައްދަލުވުން ކެންސަލްކޮށްފައެވެ.
ސްޜިއަރިން ކޮމެޓީގެ އޮފިޝަލް ވިދާޅުވީ އިބްރާހިމް ދީދީ އާއި ޝާހިދްގެ ބައްދަލުވުން ކެންސަލް ކުރީ މެންދުރު ފަހު 2 ޖަހާއިރުގެ ބައްދަލުވުމުގައި ބައިވެރިވާނެކަމަށް ބުނެފައެވެ.
ޝާހިދް އާއި އިބްރާހިމް ދީދީ ވިޔަފާރިވެރިންނާއި ބައްދަލު ކުރަން ދެކޮޅު ހެދި އިރު އެ ދެބޭފުޅުން ވަނީ އައްޑޫން މީގެ ކުރިން ދޭތެރެ ދޭތެރެއިން ކަރަންޓް ކަޑާ މައްސަލަ ކުއްލި މައްސަލައެއްގެ ގޮތުގައި މަޖްލިހަށް ހުށަހެޅުމުން މަޖްލިހަށް ބަލައި ނުގަންނަ ކަމަށް ވޯޓު ދެއްވާފައެވެ.
ވިޔަފާރިވެރިން ބުނީ ސަރުކާރުގެ އިސްވެރިން ހިމެނޭ ބޮޑު ޓީމެއް އައްޑޫގައި އޮވެ، ވިޔަފާރިވެރިން ބައްދަލު ކުރުމަށް އެދުމުން އެކަމަށް ދެކޮޅު ހެދީ ކަރަންޓްގެ މައްސަލަ ހައްލު ކުރުމަށް އެފަރާތުން ބޭނުން ނުވާތީ ކަމަށެވެ.
އައްޑޫގެ ވިޔަފާރިތަކުގެ ކަރަންޓް ބިލް ބޮޑު ކުރި މައްސަލައާއި ގުޅިގެން ވިޔަފާރިވެރިންނާއި އާއްމުން މިއަދު ހަވީރު ހިތަދޫ ބޮޑު މަގުގައި ހުންނަ ޝީޝާ ސަރަހައްދުން މުޒާހަރާ ކުރުމަށް ވަނީ ހަމަޖެހިފައެވެ.