Last Updated: June 12, 17:57
Friday, June 12, 2026
މުނިފޫހިފިލުވުން

"ގްލާބް ގޭންގް" މި އަހަރުގެ ފަހުކޮޅު

މި އަހަރުގެ އެންމެ އުންމީދީ ފިލްމްތަކުގެ ތެރޭގައި ހިމެނޭ މަދޫރީ ޑިކްޝިޓް އާއި ޖޫހީ ޗާވްލާ ލީޑް ރޯލް ކުޅޭ "ގްލާބް ގޭންގް" ގެ މަސައްކަތް ވަރަށް ބާރަށް ކުރިއަށްދާ ކަމަށް އެ ފިލްމް އުފައްދާ ފަރާތުން ބުނެފި އެވެ.

މި އަހަރުގެ ފަހުކޮޅު ރިލީޒް ކުރުމަށް ހަމަޖެހިފައިވާ ފިލްމްގެ ފުރަތަމަ ޕޯސްޓަރު ވެސް ދާދި ފަހުން ވަނީ އާންމުކޮށްފަ އެވެ. އެހެން ނަމަވެސް ފިލްމް ރިލީޒް ކުރާނެ ތާރީހެއް އަދި އިއުލާނެއް ނުކުރެ އެވެ.

"ތުމް ބިން" އާއި "ރާ. ވަން" ފަދަ ފިލްމްތައް ޑައިރެކްޓްކޮށްފައިވާ އަނޫބަވް ސިންހާ ޕްރޮޑިއުސްކޮށް، ސޯމިކް ސެން ލިޔެ، ޑައިރެކްޓް ކުރާ "ގްލާބް ގޭންގް" ގެ ފުރަތަމަ ޝޫޓިން ޝެޑިއުލް ދާދި ފަހުން ވަނީ ނިންމާލައިފަ އެވެ.
ފިލްމްގައި އެންމެ މުހިއްމު އެއް ރޯލް އަދާ ކުރާ މަދޫރީ ދާދި ފަހުން ކޮށްފައިވާ ޓްވީޓެއްގައި އޭނާ ބުނެފައި ވަނީ ފިލްމްގެ ފުރަަތަމަ ޝެޑިއުލްގެ މަސައްކަތް ވަރަށް ފޯރި އާ އެކު ނިންމާލާފައިވާ ކަމަށެވެ.

އެގޮތުން ސަރޯޖް ހާން ކޮރިއޯ ހަދާފައިވާ ލަވައެއްގެ ޝޫޓިން ވެސް ނިންމާފައިވާ ކަމަށް އެންމެ ފަހުން 2007 ވަނަ އަހަރު "އާޖަ ނަޗްލޭ" އިން ފެނުނު މަދޫރީ ބުންޏެވެ. މިއީ އެ ފިލްމަށް ފަހު މަދޫރީ ބޮޑު ސްކްރީނުން ބެލުންތެރިންނަށް ފެންނާނެ ފުރަތަމަ ފިލްމެވެ.

ބޮޑު ސްކްރީނުން މަދޫރީ ނުފެނުނު ނަމަވެސް އޭނާ އަންނަނީ އިންޑިއާގެ ޗެނަލްތަކުން ދައްކާ ބައެއް ރިއަލިޓީ ޝޯތަކުގައި ޖަޖްކަން ކުރަމުންނެވެ.

މަދޫރީ މީގެ ކުރިން ވެސް ވަނީ ސަރޯޖް ކޮރިއޯ ހަދާފައިވާ މަޝްހޫރު ލަވަތަކެއްގައި ހަރަކާތްތެރިވެފަ އެވެ. އޭގެ ތެރޭގައި "ތޭޒާބް" ގެ "އެކް ދޯ ތީން" އާއި "ބޭޓާ" ގެ "ދަކްދަކް" ގެ އިތުރުން "ކަލްނަޔަކް" ގެ "ޗޯލީ ކޭ ޕީޗޭ ކިޔާ ހޭ" ހިމެނެ އެވެ.

"ގްލާބް ގޭންގް" އަކީ މަދޫރީ އާއި ޖޫހީ އެކުގައި ފިލްމަކުން ފެންނަ ފުރަތަމަ ފަހަރު ވެސް މެ އެވެ. އެހެންވެ ބެލުންތެރިން ތިބީ ހުނަރުވެރި މި ބަތަލާއިންގެ އެކްޓިން އެއް ފިލްމަކުން ބަލާލުމަށް ކެތްމަދުވެފަ އެވެ.

"ގްލާބް ގޭންގް" އަކީ އިންޑިއާގެ އަންހެނުންނަށް ކުރިމަތިވާ ގެވެށި އަނިޔާތަކުގެ މައްޗަށް ބިނާކޮށް ހަދާ ފިލްމެކެވެ. އެގޮތުން ފިލްމްގައި ދައްކުވައި ދޭނީ ގެވެށި އަނިޔާ އާ ދެކޮޅަށް އުއްތަރުޕްރަދޭޝްގެ 20،000 އަންހެނުން އެކުލެވޭ ޖަމާއަތަކުން ކުރާ މަސައްކަތެވެ.
މި ހަރަކާތުގައި އެ މީހުން ބޭނުން ކުރަނީ އަސުރުމާ ކުލައިގެ ސާޅީ އެވެ. އެހެންވެ އެ ޖަމާއަތް މަޝްހޫރުވެފައި ވަނީ "ގްލާބް ގޭންގް" ގެ ގޮތުގަ އެވެ.
މި ޖަމާއަތް އާންމުންގެ ސަމާލު ކަމަށް އައިސްފައި ވަނީ ކަލާޒް ޗެނަލުން ދާދި ފަހުން ނިންމާލި "ބިގް ބޮސް" ގެ ހަ ވަނަ ސީޒަންގައި އެ ޖަމާއަތުގެ ލީޑަރު ސަމްޕަތު ލާލު ބައިވެރިވުމުންނެވެ.