ފީގެ މައްސަލައިގައި އެއްބަސްވުމަކަށް ނާދެވުމުން އަނިލް ކަޕޫރް ފިލްމު "ހައުސްފުލް 5" އިން ވަކިވެފައިވާ ކަމަށް ރިޕޯޓްތައް ބުނެފި އެވެ.
ފިލްމީ ޚަބަރުތައް ގެނެސްދޭ މީޑިއާތަކުން ބުނީ ފިލްމުން އަނިލް އަށް ހުށަހެޅި ރޯލަށް އޭނަ ފުރަތަމަ އެއްބަސްވި ކަމަށެވެ. ނަމަވެސް ފަހުން "ހައުސްފުލް 5" ގައި ހިއްސާ ނުވާން އޭނަ ނިންމި ޕްރޮޑިއުސަރު ސާޖިދު ނަދުއަދުވާލާޓީގެ ޓީމާ އެކީ ފީގެ މައްސަލައިގައި އެއްބަސްވުމަކަށް ނާދެވުމުން ކަމަށް މީޑިއާތަކުން ބުނެފައިވެ އެވެ.
އަނިލް ފިލްމު ދޫކޮށްލި ވާހަކައާ އެކީ މިހާރު އަޑު އަރާފައިވާ ގޮތުން އޮގަސްޓް މަހުގެ ތެރޭގައި ޝޫޓިން ފަށަން ޕްލޭންކޮށްފައިވާ ފިލްމުގެ ކާސްޓަށް މިހާރު ވަނީ އަރުޖުން ރާމްޕާލް ނަގައިގަ އެވެ. އޭނަ އަކީ 2010 ގެ "ހައުސްފުލް" ގައި ވެސް ރޯލެއް ކުޅުނު އެކްޓަރެކެވެ.
ނަމަވެސް އަރުޖުން "ހައުސްފުލް 5" އަށް ނެގިކަން ފިލްމުގެ ޓީމުން އަދި ކަށަވަރުކޮށެއް ނުދެ އެވެ. އަކްޝޭ ކުމާރާއި ރިތޭޝް ދޭޝްމުކް މައިގަނޑު ކާސްޓްގައި ހިމެނޭ މި ކޮމެޑީ ފްރެންޗައިޒްގެ ކުރިއަށް އޮތް ބަޔަށް އިތުރުވި އާ އެކްޓަރަކީ އަބީޝެކް ބައްޗަންކަން މީގެ ދެ ހަފުތާއެއްހާ ދުވަސް ކުރިން އިއުލާންކޮށްފައިވެ އެވެ.
ބޮޑު ބައި ކްރޫޒް ޝިޕެއްގައި ޝޫޓްކުރަން ހަމަޖެހިފައިވާ "ހައުސްފުލް 5" ގެ ޑައިރެކްޓަރަކީ 2008 ގެ "ދޯސްތާނާ" ގެ ޑައިރެކްޓަރު ތަރޫން މަންސުކާނީ އެވެ. އޭނަ އެންމެ ފަހުން ގެނެސްދިން ފިލްމަކީ 2019 ގެ "ޑްރައިވް" އެވެ.
"ހައުސްފުލް 5" ގެ ޝޫޓިން ފެށުމުގެ ތައްޔާރީތައް ވަމުން އަންނަ އިރު، އަދި މި މި ފިލްމުގެ ބަތަލާއިންނަކީ ކޮބައިކަން އިއުލާންކޮށްފައެއް ނުވެ އެވެ. ފިލްމު ސިނަމާތަކަށް ގެންނަން ނިންމާފައި އޮތީ އަންނަ އަހަރުގެ ޖޫން 6 ގަ އެވެ.
"ހައުސްފުލް" ފްރެންޗައިޒްގެ ހަތަރު ވަނަ ބައި ގެނެސްދިނީ 2019 ގަ އެވެ.