Last Updated: June 12, 11:16
Friday, June 12, 2026
ޚަބަރު

ހުއްދަ ނުހޯދައި ޑްރޯން އަރުވާ ނަމަ ފިޔަވަޅު އަޅާނަން

ސިފައިން ސެކިއުރިޓީ ބަލަހައްޓާ ސަރަހައްދުތަކުގައި މިހާރަކަށް އައިސް ހުއްދަ ނުހޯދައި ޑްރޯން އުދުއްސާތީ އެކަން ކުރާ މީހުންނަށް ފިޔަވަޅު އަޅާނެ ކަމަށް ޑިފެންސް މިނިސްޓްރީން ބުނެފި އެވެ.

އެ މިނިސްޓްރީން މިއަދު ނެރުނު އިއުލާނެއްގައި ބުނީ ސިފައިން ސެކިއުރިޓީ ބަލަހައްޓާ ސަރަހައްދުތަކާއި އެއާޕޯޓްތައް ހިމެނޭ ސަރަހައްދުތަކުގައި އަންމޭންޑް އޭރިއަލް ވެހިކަލް (ޔޫއޭވީ) ނުވަތަ ޑްރޯން އުދުއްސާކަން ފާހަގަކުރެވިފައިވާ ކަމަށެވެ. އަދި މިކަމަކީ ވައިގެ ދަތުރުފަތުރަށް އެކަމުގެ ސަބަބުން ނުރައްކަލެއް މެދުވެރިވެދާނެ ކަމަކަށްވާތީ، ޑްރޯން އުދުއްސުމުގެ ކުރިން މިނިސްޓްރީން ހުއްދަ ހޯދުމަށް މީގެ ކުރިން ވެސް އަންގާފައިވާނެ ކަމަށް މިނިސްޓްރީން ބުންޏެވެ.

އެގޮތުން ރާއްޖޭގެ ކޮންމެ ދިމާއެއްގައި ޑްރޯން އަރުވަން ބޭނުންވި ކަމަށްވި ނަމަވެސް މިނިސްޓްރީގެ ހުއްދަ ހޯދައިގެން ނޫނޫ އެކަން ނުކުރަން އެދިފައިވެ އެވެ.

"ހުއްދަ ނުހޯދާ މިކަންކުރާ ފަރާތްތަކާ މެދު ފިޔަވަޅު އެޅޭނެ ކަމަށް ދަންނަވަން. އަދި ހުއްދަ ނުހޯދާ އުދުއްސާ ޑްރޯންތަކާ މެދު މި ވުޒާރާއިން އަޅާ ފިޔަވަޅަކާއި ގުޅިގެން އެ ތަކެއްޗަށް ލިބޭ ގެއްލުމެއްގެ ޒިންމާ މި ވުޒާރާއިން ނުނަގާނެ ކަމަށް ވެސް ދަންނަވަން."