އަންނަ މަހު ފަށާ ޔޫރޯ ފުޓްބޯޅަ މުބާރަތަށް ފަހު ފުޓްބޯޅަ ކުޅުން ހުއްޓާލަން ރެއާލް މެޑްރިޑްގެ ޖަރުމަނުގެ މިޑްފީލްޑަރު، ޓޯނީ ކްރޫސް ނިންމައިފި އެވެ.
ކްރޫސް ،34، ބުނީ އަބަދުވެސް ކުޅުން ހުއްޓާލަން ބޭނުންވީ ކެރިއަރުގެ އެންމެ ޕީކުގައި ހުރެ ކަމަށާއި އެ ގޮތަށް ވިސްނާއިރު މި ފަހަރުގެ ޔޫރޯ އަށް ފަހު ކުޅުން ހުއްޓާލުން އެއީ އެންމެ ރަނގަޅު ގޮތް ކަމަށް އަމިއްލަ އަށް ގަބޫލުކުރާ ކަމަށެވެ.
ރެއާލްއާއެކު ހަދާފައިވާ ކޮންޓްރެކްޓް ދާދިފަހުން ކްރޫސް އާކޮށްފައިވާއިރު، ކްރޫސް ވަނީ ގައުމީ ޓީމަށް ކުޅެން ހުއްޓާލަން ނިންމި ނިންމުން ވެސް ބަދަލުކޮށް، މި ފަހަރުގެ ޔޫރޯ ކުޅެން އެނބުރި ޓީމާ ގުޅިފަ އެވެ. ޖަރުމަނާއެކު 2014 ގެ ވޯލްޑް ކަޕް ކާމިޔާބު ކުރި ކްރޫސް ވަނީ މިހާތަނަށް ޖަރުމަނު ޓީމަށް 106 މެޗު ކުޅެފަ އެވެ.
ކްލަބް ކެރިއަރުގައި ރެއާލްގެ އިތުރުން ބަޔާން މިއުނިކާއި ބަޔާ ލެވަކޫސަނަށް ކުޅުނު ކްރޫސް ވަނީ ބަޔާނާ އެކު، 10 ތަށި ކާމިޔާބުކޮށްފަ އެވެ. އޭގެފަހުން ރެއާލަށް ބަދަލުވުމަށް ފަހު އެ ޓީމާ އެކު، 22 ތަށި ވަނީ ކާމިޔާބުކޮށްފަ އެެވެ. އޭގެ ތެރޭގައި ހަތަރު ޗެމްޕިއަންސް ލީގާއި، ހަތަރު ސްޕެނިޝް ލީގާއި، ކްލަބް ވޯލްޑް ކަޕް ފަސް ފަހަރު ކާމިޔާބުކުރުން ހިމެނެ އެވެ.
ކްރޫސް، ރެއާލަށް ކުޅޭ ފަހު މެޗަކަށްވާނީ ބްރޫޝިއާ ޑޯޓްމަންޑާ ދެކޮޅަށް ކުޅޭ ޗެމްޕިއަންސް ލީގުގެ ފައިނަލް މެޗެވެ.