ދެމެހެއްޓެނިވި ޕްރޮޖެކްޓްތަކަށް މާލީ އެހީތެރިކަން ފޯރުކޮށްދިނުމާއި ޖަމިއްޔާތައް ބާރުވެރިކޮށް، މުޖުތަމައަށް އެހީވުމަށް ބޭންކް އޮފް މޯލްޑިވްސް އިން މިއަދު 'ބޭންކް ފަންޑް' ތައާރަފްކޮށްފި އެވެ.
ބީއެމްއެލް އިން ބުނީ ދެމެހެއްޓެނެވި އިޖުތިމާއި ޕްރޮގްރާމް ހިންގާ ޖަމިއްޔާ ތަކަށް އަމާޒުކޮށް ބޭންކުން މިއަދު 'ބޭންކް ފަންޑް' އަށް ޕްރޮޕޯސަލް ހުށަހެޅުމަށް ހުޅުވާލާފައިވާ ކަމަށެވެ. މި ފަންޑުގެ ދަށުން ކޮންމެ އަހަރަކުވެސް، ތައުލީމާއި، ތިމާވެއްޓާއި، ކުޅިވަރާއި މުޖުތަމައަށް ފައިދާކުރާ ދާއިރާތަކުން 5 ޕްރޮޖެކްޓެއް ހޮވައި، ކޮންމެ ޕްރޮޖެކްޓެއް ހިންގުމަށް 200،000 ރުފިޔާގެ ހިލޭ އެހީ ދިނުމަށް ހަމަޖެހިފައިވާ ކަމަށް ބީއެމްއެލް އިން ބުނެ އެވެ.
މިކަމާ ގުޅޭ ގޮތުން ބީއެމްއެލްގެ ސީއީއޯ އަދި މެނޭޖިންގ ޑައިރެކްޓަރ ކާރލް ސްޓުމްކަ ވިދާޅުވީ ދެމެހެއްޓެނިވި އަދި ޒިންމާދާރު ވިޔަފާރިއެއްގެ ހައިސިއްޔަތުން ބޭންކުން އަބަދުވެސް އަންނަނީ ހިދުމަތް ދެމުންދާ މި މުޖުތަމައު ގައި ހިންގަމުންދާ މުހިންމު ހަރަކާތްތަކަށް އިންވެސްޓް ކުރަމުން ކަމަށެވެ.
"މިގޮތުން ފާހަގަކޮށްލެވޭ މުހިންމު އެއް ޕްރޮގްރާމެއް ކަމަށްވާ ކޮމިއުނިޓީ ފަންޑް މެދުވެރިކޮށް 2019 އިން ފެށިގެން ވަނީ އިޖުތިމާއީ 100 ޕްރޮޖެކްޓަކަށް އެހީތެރިކަން ފޯރުކޮށްދީފައި. މިއަދު އަޅުގަނޑުމެން މި ތައާރަފްކުރި ބޭންކް ފަންޑަކީ ޖަމިއްޔާތަކަށް މިހާރަށްވުރެ ފަހި ފުރުސަތުތަކެއް ހޯދައިދިނުމުގެ ބޭނުމުގައި އަލުގަނޑުމެން ކުރިން ދެމުންދިޔަ ފަންޑަށް ބަދަލު ގެނެސް، އިތުރު ފުރިހަމަކަމާއެކު ފަށާ ފަންޑެއް." ސީއީއޯ ވިދާޅުވި އެވެ.
'ބޭންކް ފަންޑް' ހުޅުވާލާފައިވަނީ ރާއްޖޭގައި ރަޖިސްޓްރީކޮށްގެން ހިންގާ ޖަމިއްޔާ، ޖަމާއަތް އަދި ކްލަބްތަކަށެވެ. މިފަންޑަށް އެދި ހުށަހެޅުމުގެ ސުންގަޑިއަކީ 10 ޖޫން 2024 ގެ ރޭގަނޑު 11:00 އެވެ. މި ފަންޑަށް އެދި ހުށަހަޅަންޖެހޭ ފޯމާއި ޕްރޮޕޯސަލް އީމެއިލް މެދުވެރިކޮށް [email protected] އަށް ހުށަހަޅޭނެ އެވެ.