Last Updated: July 20, 18:00
Monday, July 20, 2026
ޚަބަރު

ދަނޑުވެރިންނަށް މާލީ އެހީ ދޭން ސްކީމެއް

ދަނޑުވެރިންނަށް މާލީ އެހީތެރިކަން ފޯރު ކޮށްދިނުމަށްޓަކާ "ދަނޑުވެރި މަންފާ" ގެ ނަމުގައި ހިލޭ އެހީ ދޭ ސްކީމެއް ތައާރަފް ކޮށްފި އެވެ.

މިއީ އެގްރިކަލްޗާ މިނިސްޓްރީއާއި އިންޓަނޭޝަނަލް ފަންޑް ފޯ އެގްރިކަލްޗަރަލް ޑެވޮލޮޕްމަންޓް (އިފާޑް)އާ ގުޅިގެން ކުރިއަށްގެންދާ 15 މިލިއަން ރުފިޔާގެ މެޗިން ގްރާންޓް ސްކީމެކެވެ. މި ސްކީމަށް އަންނަ މަހުގެ 25 ވަނަ ދުވަހުން ފެށިގެން އެޕްލިކޭޝަން ހުށަހެޅޭނެ އެވެ.

މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި އެގްރިކަލްޗަރ މިނިސްޓަރ އައިޝަތު ރަމީލާ ވިދާޅުވީ ދަނޑުވެރި މަންފާގެ ސްކީމް އަމާޒުކުރަނީ މޯލްޑިވްސް އެގްރިބިޒްނަސް ޕްރޮގްރާމްގެ ހަރަކާތްތައް ކުރިއަށްދާ ހއ ހދ އަދި ށ އަތޮޅުން ހޮވާލެވިފައިވާ 26 ރަށުގެ ދަނޑުވެރިންގެ އިތުރުން ދަނޑުވެރިކަމުގައި ހަރަކާތްތެރިވާ އެންޖީއޯތަކުގެ އިތުރުން ކުދި އަދި މެދު ފަންތީގެ ވިޔަފާރިތަކާއި ކޯޕަރޭޓިވް ސޮސައިޓީތަކަށް ކަމަށެވެ.

މި ސްކީމްގެ ފުރަތަމަ ބުރު ހުޅުވައިލާނީ ހަމައެކަނި ދަނޑުވެރި ތަކެތި އުފެއްދުމަށް ކަމަށާއި އޭގެ ތެރޭގައި ގްރީން ހައުސް އިންސްޓޯލް ކުރުމާއި ހައިޑްރޮފޯނިކް ސިސްޓަމްތައް ނުވަތަ އެފަދަ އެހެނިހެން ޒަމާނީ ދަނޑުވެރިކަމުގެ ވަސީލްތަތް ގާއިމްކޮށްގެން ދަނޑުވެރިކަން ކުރުމަށް ހުޅުވާލާނެ ކަމަށް ރަމީލާ ވިދާޅުވި އެވެ.

މީގެއިތުރުން މޯލްޑިވްސް އެގްރި ބިޒްނަސް ޕްރޮގްރާމް މެޕަކީ އަންހެނުންނާއި ޒުވާނުން ބާރުވެރިކުރުވާ އަންހެނުންނާއި ޒުވާނުން ދަނޑުވެރިކަމުގެ މަސައްކަތަށް އަހުލުވެރިކުރުވާ ޕްރޮގްރާމަކަށްވުމުން، މި ސްކީމަށް ހުށަހެޅޭ އެޕްލިކޭޝަންތައް ވަޒަންކުރުމުގައި އަޅުގަނޑުމެން އަންހެނުންނާއި ޒުވާނުންނަށް ޚާއްސަ އިސްކަމެއް ދިނުމަށް ހަމަޖެހިފައިވާ ކަމަށްވެސް ވަޒީރު ވިދާޅުވި އެވެ.