Last Updated: July 14, 13:49
Wednesday, July 15, 2026
ޚަބަރު

މުދަލު ޒަކާތުގެ ނިސާބަކީ 9،353 ރުފިޔާ

-މާލޭގައި މީހަކު ޒަކާތް ދައްކަނީ

މުދަލު ޒަކާތުގެ ނިސާބަކީ ދިވެހި ފައިސާއިން ދައްކާ ނަމަ 9353.40ރ. ކަމަށް މޯލްޑިވްސް ޒަކާތު ހައުސް އިން މިއަދު ކަނޑައަޅައިފި އެވެ.

ޒަކާތު ހައުސް އިން ބުނީ މިއަދުން ފެށިގެން މުދަލު ޒަކާތުގެ ނިސާބަކީ 9353.40ރ. ކަމަށް ކަނޑައަޅާފައިވާ ކަމަށެވެ.

އާންމުކޮށް މުދަލުގެ ނިސާބަށް ބަދަލު އަންނަނީ ދުނިޔޭގެ ބާޒާރުގައި ރަނާއި ރިހީގެ އަގަށް އަންނަ ބަދަލުންނެވެ. އަދި ރާއްޖޭގައި ޒަކާތުގެ ނިސާބުގެ މިންވަރު ކަނޑައަޅަނީ ރިހީގެ އަގަށް ބަލައިގެންނެވެ. ރިހީގެ އަގަށް އަންނަ ބަދަލަކާ ގުޅިގެން ޒަކާތުގެ ގޮތުގައި ދައްކަން ޖެހޭ ދިވެހި ފައިސާގެ މިންވަރު ވެސް ބަދަލުވެގެންދެ އެވެ.

ރަނާއި ރިހި ބާޒާރުގައި ލިބެން ހުންނަ އަގު ހާމަކުރަނީ ރާއްޖޭގެ މަރުކަޒީ ބޭންކް، އެމްއެމްއޭ އިންނެވެ.

ނިސާބު ހަމަވާ ވަރަށް އަތުގައި ފައިސާ ހުރެ އަހަރެއް ހަމަވެއްޖެނަމަ އޭގެ ސާޅީސްބައިކުޅަ އެއްބައި މުދަލު ޒަކާތުގެ ގޮތުގައި ދެއްކުމަކީ ދީނީ ވާޖިބެކެވެ.