Last Updated: July 14, 13:49
Wednesday, July 15, 2026
ޚަބަރު

އިސްރަށްވެހިންނަށް ދީނީ ޕްރޮގްރާމްތަކެއް ފަށަނީ

ރާއްޖޭގައި ތިބި އިސްރަށްވެހިންނަށް އަމާޒުކޮށް ދީނީ ޕްރޮގްރާމްތަކެއް ހިންގުމަށް އިސްރަށްވެހިންގެ ނާދީ އިން އިސްލާމިކް މިނިސްޓްރީއާ މަޝްވަރާކޮށްފި އެވެ.

އިސްރަށްވެހިންގެ ނާދީއަކީ ޢުމުރުން 55 އަހަރުން މަތީ ބޭފުޅުންގެ އިޖްތިމާޢި، ނަފްސާނީ އަދި ޖިސްމާނީ ދުޅަހެޔޮކަން ތަރައްޤީކޮށް އެފަރާތްތަކަށް ހިތްހަމަޖެހިލައިގެން ވަގުތުކޮޅެއް ހޭދަކޮށްލުމަށް ފަރުމާކޮށް ތައްޔާރުކުރެވިފައިވާ ތަނެކެވެ.

އިސްލާމިކް މިނިސްޓްރީއާއެކު ބޭއްވި ބައްދަލުވުމުގައި ވަނީ ކޮންމެ މަހަކުވެސް ދީނީ ޕްރޮގްރާމްތަކެއް ކުރިއަށް ގެންދިއުމަށް ހުށަހަޅާފަ އެވެ. އިސްލާމިކް މިނިސްޓްރީން ވަނީ އެ މިނިސްޓްރީން ހާއްސަ އިސްކަމެއް ދީގެން ކުރިއަށްގެންދާ "ރިސާލަތު" ޕްރާގްރާމާއި، ސުވާލާއި ޖަވާބު ސެޝަންތައް، ދީނީ ކުއިޒް މުބާރާތް، ޤުރްއާން މުބާރާތް ފަދަ ދީނީ ގިނަ ޙަރަކާތްތަކެއް ކުރިއަށް ގެންދިއުމަށް މަގުފަހިކޮށްދިނުމަށް މަސައްކަތް ކުރާނެ ކަމަށް ބުނެފަ އެވެ.

މިހަރަކާތްތައް ކުރިއަށް ގެންދިއުމަށް އެއްބަސްވުމެއް އެކުލަވާލުމުގެ މަސައްކަތް ކުރުމަށް ވަނީ ނިންމާފަ އެވެ. ނަމަވެސް އޭގެ ކުރިންވެސް ޕްރޮގްރާމްތަކެއް ކުރިއަށް ގެންދިއުމަށްވަނީ ރޭވިފައިވާ ކަމަށް އިސްލާމިކް މިނިސްޓްރީން ބުނެ އެވެ. މިގޮތުން ބޭއްވޭ ސެޝަންތަކުން ލިބޭ ފީޑްބެކް ބޭނުންކޮށްގެން އިސްރަށްވެހިންގެ މުޖުތަމައުގެ ބޭނުންތަކާއި ހުށަހެޅުންތަކަށް ރިއާޔަތްކޮށް ޕްރޮގްރާމް އިތުރަށް ހަރުދަނާކުރުމަށް ވެސް ވަނީ ނިންމާފަ އެވެ.