Last Updated: July 14, 13:49
Tuesday, July 14, 2026
ކުޅިވަރު

އެޓަލަންޓާ އިން ޔޫރޮޕާ ލީގު ކާމިޔާބުކޮށްފި

އަޑެމޯލާ ލުކްމަންގެ ހެޓްރިކުން، 3-0 އިން ބަޔާ ލެވަކޫސަން ބަލިކޮށް، އެޓަލަންޓާ އިން ޔުއެފާ ޔޫރޮޕާ ލީގުގެ ޗެމްޕިއަންކަން ހޯދައިފި އެވެ.

މިއީ، އެޓަލަންޓާ އިން ޔޫރަޕްގެ މުބާރާތެއް ކާމިޔާބުކުރި ފުރަތަމަ ފަހަރެވެ. އަނެއްކޮޅުން، މިއީ މި ސީޒަނުގައި ބަޔާ ލެވަކޫސަން މެޗަކުން ބަލިވި ފުރަތަމަ ފަހަރެވެ. ޖަރުމަނު ލީގުގެ ޗެމްޕިއަންކަން ހޯދި ބަޔާ ލެވަކޫސަނުން ވަނީ ބަލި ނުވެ 51 މެޗު ފުރިހަމަކޮށްފަ އެވެ.

އެޓަލަންޓާ އިން ރޭގެ މެޗުގައި، ފުރަތަމަ ލަނޑު ޖެހީ، 12 ވަނަ މިނިޓްގަ އެވެ. ލުކްމަން މި ލަނޑު ޖެހީ އޭރިއާތެރެއަށް ހުރަސްކޮށްލި ބޯޅައަކަށް އަރައި ކުރިއަށް ފޮނުވާލައިގެންނެވެ. މެޗުގެ 26 ވަނަ މިނިޓްގައި، ލުކްމަން ވަނީ އެޓަލާންޓާގެ ދެވަނަ ލަނޑު ކާމިޔާބުކޮށްދީފަ އެވެ. އޭނާ މި ލަނޑު ޖެހީ، އޭރިއާ ރޮނގުމަތިން ފޮނުވާލި ހަމަލާއަކުންނެވެ.

ދެވަނަ ހާފުގައި ކުރިއަށް ޖެހިލައިގެން ގޯލެއް ކާމިޔާބު ކުރަން ލެވަކޫސަނުން މަސައްކަތް ކުރިއިރު، ކައުންޓަ އެޓޭކުތަކުގައި އެޓަލާންޓާ ފެނުނީ ވަރަށް ނުރައްކާތެރި ގޮތަކަށެވެ. އެގޮތުން މެޗުގެ 75 ވަނަ މިނިޓްގައި އެޓަލާންޓާގެ ތިންވަނަ ގޯލު ލުކްމަން ކާމިޔާބު ކުރީ އޭރިއާތެރެއަށް ބޯޅަ ހިފައިގެންވަދެ، ގޯލުގެ މަތީ ކަނަށް ބޯޅަ ފޮނުވާލައިގެންނެވެ. ލުކްމަން އަކީ ޔޫރޮޕާ ލީގުގެ ފައިނަލެއްގައި ހެޓްރިކް ހެދި ފުރަތަމަ ކުޅުންތެރިޔާ އެވެ.

މިއީ 1963 ވަނަ އަހަރަށް ފަހު އެޓަލާންޓާ އިން ކާމިޔާބު ކުރި ފުރަތަމަ ތަށްޓެވެ.