ބަޔާން މިއުނިކްގެ ކޯޗު ކަމުގެ މަގާމަށް ބާންލީގެ ކޯޗު ވިންސެންޓް ކޮމްޕެނީ ހަމަޖެއްސުމަށް ތައްޔާރުވެއްޖެ އެވެ.
ބަޔާންގެ ކޯޗު ކަމުގެ މަގާމު ހުސްވީ އެ މަގާމުގައި ހުރި ތޯމަސް ޓުޗެލް މި ސީޒަނަށްފަހު އެ ކްލަބު ދޫކޮށްލުމާ ގުޅިގެންނެވެ. ޓުޗެލްގެ ބަދަލުގައި ކޯޗުކަމަށް ގެންނަން ބަޔާނުން ވަނީ ތަފާތު އެކި ކޯޗުންނާ ފާއިތުވި ދުވަސްތަކުގައި މަޝްވަރާތައް ކުރިއަށް ގެންގޮސްފަ އެވެ.
މީޑިއާ ރިޕޯޓުތައް ބުނާގޮތުން ބަޔާނުން މިހާރު ވަނީ އެ ކްލަބުގެ ކޯޗުކަމަށް ކޮމްޕެނީ ގެންނަން އޭނާއާއެކު އެއްބަސްވުމަކަށް އައިސްފަ އެވެ. އަދި ބަޔާނުން މިހާރު އަންނަނީ ބާންލީއާއެކު ކޮމްޕެނީ ހަދާފައިވާ އެއްބަސްވުން އުވާލަން ދައްކަން ޖެހޭ ފީއާ ގުޅޭގޮތުން އެ ކްލަބާއެކު މަޝްވަރާތައް ކުރިއަށް ގެންދަމުންނެވެ. އަދި މި ހަފްތާތެރޭގައި ބަޔާންގެ ކޯޗުކަމުގެ މަގާމު ކޮމްޕެނީއާ ހަވާލުކުރިކަން ރަސްމީކޮށް އިއުލާންކުރާނެ ކަމަށްވެސް ރިޕޯޓުތައް ބުނެ އެވެ.
ކޮމްޕެނީ ،38، ގެ އިރުޝާދުގެ ދަށުން ކުޅެ މިދިޔަ ސީޒަނުގެ ޕްރިމިއާ ލީގުން ބާންލީ ވަނީ ރެލިގޭޓްވެފަ އެވެ. ބާންލީ އަށް ލީގުގައި ކުޅުނު 38 މެޗުން ހޯދުނީ އެންމެ 24 ޕޮއިންޓެވެ.
ބަޔާނުން މިދިޔަ ސީޒަން ނިންމާލީ ހުސްއަތާ އެވެ. އަދި އެޓީމު މިދިޔަ ސީޒަނުގެ ޖަރުމަނު ލީގު ނިންމާލީ ވެސް ތިންވަނައިގައި އޮވެ އެވެ.