Last Updated: June 7, 22:00
Sunday, June 7, 2026
ޚަބަރު

ރައީސް ނަޝީދު އައްސޭރި ޖަލަށް ބަދަލުކޮށްފި

ރައީސް މުހައްމަދު ނަޝީދު އާއި އަނބިކަބަލުން ލައިލާ އަލީ. ފޮޓޯ: ގެޓީ އިމޭޖަސް.

ކުރީގެ ރައީސް މުހައްމަދު ނަޝީދުގެ މައްޗަށް އިއްވާފައިވާ ޙުކުމް ތަންފީޒު ކުރުމަށްޓަކައި ހިންމަފުށީ އައްސޭރި ޖަލަށް އެމަނިކުފާނު ބަދަލުކޮށްފިއެވެ.

ރައީސް ނަޝީދު ޖަލަށް ލުމަށް ޙުކުމް ކުރުމުން ވެސް ހުންނެވީ އެމަނިކުފާނުގެ މައްޗަށް ދައުލަތުން ޓެރަރިޒަމްގެ ދައުވާ އުފުލުމާއި އެކު ހައްޔަރުކޮށްފައި ހުންނެވި ދޫނިދޫގައެވެ.

އިއްޔެގެ ވަގުތެއްގައި ރައީސް ނަޝީދު ކަރެކްޝަނަލް ސާވިސް އާއި ހަވާލުކޮށްފައިވާކަން ފުލުހުންގެ މީޑިއާ އޮފިޝަލް ވިދާޅުވެފައިވާއިރު އެކަން ކަރެކްޝަނަލް ސާވިސްއިން ވެސް ވަނީ ކަށަވަރު ކޮށްދީފައެވެ.

ކަރެކްޝަނަލް ސާވިސްގެ މީޑިއާ އޮފިޝަލް ވިދާޅުވީ ރައީސް ނަޝީދު އައްސޭރި ޖަލަށް ބަދަލުކުރީ ވަގުތީ ގޮތުން ކަމަށާއި އެމަނިކުފާނު އައްސޭރި ޖަލުގައި ހުންނަވާނީ އެހެން ގައިދީންނާއި ވަކިން ކަމަށެވެ.

ރައީސް ނަޝީދު އައްސޭރި ޖަލަށް ބަދަލުކުރީ ކީއްވެކަމެއް ކަރެކްޝަނަލް ސާވިސް އަކުން ވެސް އަދި ފުލުހުން ވެސް ހާމަކޮށްފައި ނުވާއިރު ރައީސް ނަޝީދު ހައްރުކޮށްފައި ބެހެއްޓުމަށް މާފުށީ ޖަލުގައި އެޕާޓްމަންޓެއް ތައްޔާރުކުރަމުންދާ ކަމަށް ހޯމް މިނިސްޓަރ ކުރިން ވަނީ ވިދާޅުވެފައެވެ. ދެހަފްތާތެރޭ އެޕާޓްމަންޓްގެ މަސައްކަތް ނިމޭނެ ކަމަށް މިނިސްޓަރ ވިދާޅުވިތާ މިހާރު މަހެއްހާ ދުވަސް ވޭފައިވީނަމަވެސް އަދިވެސް އެޕާޓްމަންޓް ނިމުނުކަމަކަށް ސަރުކާރުން ވިދާޅެއްނުވެއެވެ.