2002 ވަނަ އަހަރު ސަލްމާން ހާން ދުއްވި ކާރު އެކްސިޑެންޓްވި މައްސަލައިގެ ހުކުމް އިއްވުން އަންނަ މަހުގެ 6 ވަނަ ދުވަހު އޮންނާނެ ކަމަށް އެ މައްސަލަ ބަލަމުންދާ އިންޑިޔާގެ ކޯޓުން ބުނެފިއެވެ.
އިއްޔެ އޮތް މި މައްސަލައިގެ އަޑު އެހުމުގައި ހުކުމް އިއްވާނެ ދުވަހެއް ހާމަކޮށްފައިވާއިރު ސަލްމާން ހާންގެ މައްޗަށް 10 އަހަރުގެ ޖަލު ހުކުމެއް އައިސްދާނެ ކަމަށްވަނީ ބެލެވިފައެވެ.
2002 ވަނަ އަހަރުގެ ސެޕްޓެމްބަރު މަހު ހިނގި މި އެކްސިޑެންޓްގައި އެކަކު މަރުވެ 4 މީހަކަށް އަނިޔާވެފައިވެއެވެ. މި އެކްސިޑެންޓް ހިނގާފައިވަނީ ސަލްމާންގެ ކާރުގެ ކޮންޓްރޯލް ނުވެގެން ގޮސް މަގުގެ ދުވާރުމަތީ ނިދާފާ ތިބި މީހުންގެ މައްޗަށް އަރައިގެންނެވެ.
މި އެކްސިޑެންޓް ހިނގި ވަގުތު ސަލްމާން ރާ ބޮއެގެންހުރި ކަމަށް ތުހުމަތުކޮށްފައިވާއިރު ސަލްމާން ވަނީ އިންކާރުކޮށްފައިވި ނަމަވެސް ސަލްމާންގެ ލޭގެ ޓެސްޓުން އޭނާ ވަނީ ރަލަށް ޕޮޒިޓިވްވެފައިވެއެވެ.
އެކްސިޑެންޓް ހިނގާފައިވަނީ ސަލްމާންގެ ސަބަބުން ނޫން ކަމަށާއި އެކްސިޑެންޓް ހިނގީ ސަލްމާންގެ ޑްރައިވަރުގެ އަތުން ކަމަށް ޑްރައިވަރު ވަނީ މިދިޔަ މަހު ބުނެފައެވެ. ނަމަވެސް މި މައްސަލައިގެ ހެކިން ބުނެފައިވަނީ ކާރު ދުއްވަން އިނީ ސަލްމާން ކަމަށެވެ.