Last Updated: July 14, 13:49
Tuesday, July 14, 2026
ކުޅިވަރު

ޒަވީ ވަކިކޮށްފި، ބާސާގެ އާ ކޯޗަކީ ފްލިކް

ބާސެލޯނާގައި މަޑުކުރަން ނިންމި ޒަވީ ހެނާންޑޭޒް އެ ކްލަބުގެ ކޯޗުކަމުން ވަކިކޮށްފި އެވެ.

ނިމިގެންދިޔަ ސީޒަނަށް ފަހު ބާސާ ދޫކޮށްލާނެކަން ޒަވީ މިދިޔަ ޖެނުއަރީ މަހުގެ ފަހުކޮޅު އިއުލާންކުރި އެވެ. ނަމަވެސް ބާސާގެ ރައީސް ޔޮއާން ލަޕޯޓާއާ އެކު ކުރެވުނު މަޝްވަރާތަކަށް ފަހު އަންނަ ސީޒަނުގެ ނިޔަލަށް ބާސާގައި މަޑުކުރަން ޒަވީ ނިންމި އެވެ.

ނަމަވެސް ދާދިފަހުން ބާސެލޯނާ އިން ކުޅުނު މެޗަކަށްފަހު ކްލަބާއި ގުޅޭގޮތުން ޒަވީ ނޫސްވެރިންގެ ބައްދަލުވުމުގައި ދެއްކި ވާހަކަތަކެއްގެ ސަބަބުން އޭނާ ވަކިކުރަން ބާސެލޯނާގެ ބޯޑު މެމްބަރުން ވަނީ ހުށަހަޅައިފަ އެވެ. އެއާއެކު މިއަދު ބޭއްވި ބައްދަލުވުމުގައި ބާސާ އިން ވަނީ ޒަވީ މަގާމުން ވަކިކުރަން ނިންމާފައިވާކަން އޭނާ އަށް ރަސްމީކޮށް އަންގައިފަ އެވެ.

މިގޮތަށް ނިންމި ނަމަވެސް އަންނަ އާދީއްތަ ދުވަހު ސްޕެނިޝް ލީގުގައި ބާސާ އިން ކުޅޭ ފަހު މެޗުގައި ޒަވީ ޓީމަށް އިރުޝާދު ދޭނެ އެވެ. އެ މެޗުގައި ބާސާ ބައްދަލުކުރާނީ ސެވިއްޔާއާ އެވެ.

ބާސެލޯނާ އިން ޒަވީ ވަކިކޮށް، އެ ޓީމުގެ ކޯޗަކަށް ގެންނަން ނިންމާފައިވަނީ ޖަރުމަނު ގައުމީ ޓީމާއި ބަޔާން މިއުނިކްގެ ކުރީގެ ކޯޗު ހަންސީ ފްލިކް އެވެ. ޖަރުމަނު ގައުމީ ޓީމުގެ ކޯޗުކަމުން މިދިޔަ އަހަރުގެ ސެޕްޓެމްބަރު މަހު ވަކިކުރި ފަހުން އޭނާ ޓީމަކާ މިހާތަނަށް ހަވާލުވެފައެއް ނުވެ އެވެ.

ފްލިކް ވަނީ ބަޔާން އަށް ކޯޗުކޮށްދިންއިރު އެއް ސީޒަނެއްގައި އެޓީމަށް ހުރިހާ މުބާރާތެއް ކާމިޔާބުކޮށްދީފަ އެވެ.