މެންޗެސްޓާ ސިޓީ 2-1 އިން ބަލިކުރުމަށްފަހު އިނގިރޭސި އެފްއޭ ކަޕް މެންޗެސްޓާ ޔުނައިޓެޑުން މިރޭ ކާމިޔާބުކޮށްފި އެވެ.
މިއީ ޔުނައިޓެޑުން އެފްއޭ ކަޕް ކާމިޔާބު ކުރި 13 ވަނަ ފަހަރެވެ. އެފްއޭ ކަޕް އެންމެ ގިނައިން ކާމިޔާބު ކުރީ ޓީމަކީ އާސެނަލް އެވެ. އެޓީމުން ވަނީ މި މުބާރާތް 14 ފަހަރު ކާމިޔާބުކޮށްފަ އެވެ.
ވެމްބްލީ ސްޓޭޑިއަމްގައި ކުޅުނު ފައިނަލް މެޗުގެ ފުރަތަމަ ހާފުގައި ޔުނައިޓެޑުން ރަނގަޅު ކުޅުމެއް ދެއްކިއިރު، މެޗުގެ 30 ވަނަ މިނެޓްގައި އެލެހެންޑްރޯ ގަނާޗޯ ވަނީ ޔުނައިޓެޑަށް ލީޑު ނަގައިދީފަ އެވެ. މިއީ ސިޓީގެ ޑިފެންސްލައިނަށް ހެދުނު ގޯހެއްގެ ފައިދާ ނަގައިގެން ގަނާޗޯ ކާމިޔާބު ކުރި ގޯލެކެވެ.
މި ގޯލަށްފަހު ވެސް ޔުނައިޓެޑުން ދިޔައީ ކައުންޓަ އެޓޭކުތަކުގައި ސިޓީގެ ގޯލަށް ނުރައްކާ ކުރަން މަސައްކަތް ކުރަމުންނެވެ. ނަތީޖާއެއްގެ ގޮތުން ބްރޫނޯ ފެނާންޑޭސް ދިން ރީތި ޕާހަކުން މެޗުގެ 39 ވަނަ މިނެޓްގައި ޔުނައިޓެޑްގެ ޒުވާން މިޑްފީލްޑަރު ކޯބީ މައިނޫ ވަނީ އެޓީމުގެ ދެވަނަ ގޯލު ކާމިޔާބުކޮށްދީފަ އެވެ.
ދެވަނަ ހާފުގައި ސިޓީން ކުޅުން ރަނގަޅު ކުރިއިރު، ޔުނައިޓެޑްގެ ގޯލަށް އެޓީމުން ވަނީ ނުރައްކާތެރި ހަމަލާތަކެއް މި ހާފުގައި ފޮނުވާލާފަ އެވެ. އެގޮތުން ސިޓީގެ އާލިން ހާލަންޑް ފޮނުވާލި ހަމަލާއެއް ގޯލުގެ ދަނޑި އަށް އަމާޒުވިއިރު، ދެވަނަ ހާފުގައި ކުޅެން އެރި ޖޫލިއަން އަލްވަރޭޒަށް ވެސް ރަނގަޅު ފުރުސަތެއް ލިބި ބޭކާރުވެފައިވެ އެވެ. މި މެޗުގައި ސިޓީގެ ހަމައެކަނި ގޯލު މެޗުގެ 87 ވަނަ މިނެޓްގައި ކާމިޔާބުކޮށްދިނީ ޖެރެމީ ޑޮކޫ އެވެ.
އެފްއޭ ކަޕް ޔުނައިޓެޑުން ކާމިޔާބު ކުރުމުން އެޓީމު މިހާރު ވަނީ އަންނަ ސީޒަނުގެ ޔޫރޮޕާ ލީގަށް ވެސް ކޮލިފައިވެ އެވެ.