Last Updated: July 14, 13:49
Tuesday, July 14, 2026
ކުޅިވަރު

އެމްބާޕޭގެ ފަހު މެޗުން ޕީއެސްޖީ އަށް ތަށްޓެއް

މި ސީޒަނަށް ފަހު ކޮންޓްރެކްޓް ހަމަވުމުން ޕީއެސްޖީ ދޫކޮށްލަން ނިންމާފައިވާ، ކިލިއަން އެމްބާޕޭ އެ ކްލަބަށް ކުޅެދިން ފަހު މެޗުގައި ރޭ ލިޔޯން އަތުން 2-1 އިން މޮޅުވެ ފްރެންޗް ކަޕް ޕީއެސްޖީން ކާމިޔާބުކޮށްފި އެވެ.

ފައިނަލްގައި މެޗުގެ 22 ވަނަ މިނެޓްގައި އޮސްމާނޭ ޑެމްބެލޭގެ ގޯލުން ޕީއެސްޖީން ވަނީ ލީޑު ނަގާފަ އެވެ. އަދި މެޗުގެ 34 ވަނަ މިނެޓްގައި ފަބިއަން ރުއިޒް ވަނީ ޕީއެސްޖީގެ ދެވަނަ ގޯލު ކާމިޔާބުކޮށްދީފަ އެވެ. ލިޔޯންގެ ހަމައެކަނި ގޯލު މި މެޗުގައި ކާމިޔާބުކޮށްދިނީ މެޗުގެ 55 ވަނަ މިނެޓްގައި އޯ ބްރިއެން އެވެ.

މިއީ ޕީއެސްޖީން ފްރެންޗު ކަޕް ކާމިޔާބު ކުރި 15 ވަނަ ފަހަރެވެ.

ޕީއެސްޖީ އަށް އެންމެ ގިނަ ގޯލު ކާމިޔާބުކޮށްދިން ކުޅުންތެރިޔާ ކަމަށްވާ، އެމްބާޕޭ ދެން ބަދަލުވާނެ ކަމަށް އެންމެ ބޮޑަށް ބެލެވެނީ ސްޕެއިންގެ ގަދަ ބާރު ރެއާލް މެޑްރިޑަށެވެ. އެމްބާޕޭ ގެންނަން ރެއާލުން މަސައްކަތް ކުރަމުން އަންނަތާ މިހާރު ވަނީ އަހަރުތަކެއް ވެފަ އެވެ.

މޮނާކޯ ދޫކޮށް ޕީއެސްޖީ އަށް އެމްބާޕޭ ބަދަލުވީ 2017 ގަ އެވެ. އެމްބާޕޭ ވަނީ ޕީއެސްޖީ އަށް ކުޅެދިން 308 މެޗުގައި 256 ގޯލު ކާމިޔާބުކޮށްދީފަ އެވެ. އެ ކްލަބާއެކު 15 ތައްޓެއް އެމްބާޕޭ ހޯދިިއިރު އޭގެތެރޭގައި ފަސް ހަ ތަށި ހިމެނެ އެވެ.