Last Updated: July 16, 13:57
Thursday, July 16, 2026
ޚަބަރު

ފަލަސްތީނުގެ އިތުރު ކުއްޖަކު ރާއްޖެ ގެނެސްފި

ފަލަސްތީނުގެ ގާޒާގައި ހާލުގައި ޖެހިފައިވާ ފަލަސްތީނުގެ އިތުރު ކުއްޖަކު ރާއްޖެ ގެނެސްފި އެވެ.

އެހީ ފޯރުކޮށްދޭ ޖަމާއަތެއް ކަމަށްވާ 'ހިދުމަތް' ޖަމިއްޔާއިން ރާއްޖެ ގެނެސްފައިވަނީ ނަދާ ކިޔާ 17 އަހަރުގެ އަންހެން ކުއްޖެކެވެ. މިއީ ދިވެހި އާއިލާއަކާ ގުޅުން ހުރި ކުއްޖެކެވެ.

އެގޮތުން މި ކުއްޖާގެ ކިޔެވުމުގެ ޚަރަދުތައް ވެސް ދިވެހީންގެ އެހީގައި ހަމަޖެއްސުމުގެ މަސައްކަތް ކުރަމުންދާ ކަމަށް ހިދުމަތް ޖަމިއްޔާ އިން ބުނެ އެވެ.

"މިއަދު ދިވެހި ރައްޔިތުންގެ ދީލަތި އެހީތެރިކަމުން ނަދާއަށް ތިޔަ ދައްކުވައިދިނީ، އަހަރުމެން އެއްމެންނަކީ ލޯތްބާއި އަޅާލުމާއި އޯގާތެރިކަމުގެ މައްޗަށް އެކުލެވިގެންވާ އެއްއުންމަތެއް ކަމެވެ. ނަދާއަށް މިއަދު މި ދޮންވެލި ގޮނޑުދޮށްތަކުގެ ހިމޭންކަމުން މަރުޙަބާ މި ކިޔަނީ، އަޅުގަނޑުމެންގެ އަމިއްލަ ލޭހިނގާ އުޚްތަކަށް މަރްޙަބާ ކިޔާނެ ލޯތްބާއި އޯގާތެރިކަމާއި އެކުގަ އެވެ،" ހިދުމަތް ޖަމިއްޔާ އިން ފޭސްބުކްގައި ކޮށްފައިވާ ޕޯސްޓެއްގައި ބުނެފައިވެ އެވެ.

ފަލަސްތީނުގެ އިތުރު ކުއްޖަކު ރާއްޖެ ގެނެސްފައިވާއިރު، ރާއްޖޭގެ އިސްލާމިކް ޔުނިވާސިޓީ އޮފް މޯލްޑިވްސް (އައިޔޫއެމް)ގެ ލެކްޗަރާއެއްގެ ގޮތުގައި މަސައްކަތް ކުރައްވާ ފަލަސްތީނުގެ ޕްރޮފެސަރު ޑރ. ހަސަން އަލް ކުރުދީގެ އާއިލާ ވެސް ގާޒާ އިން ނެރެ ދާދިފަހުން ވަނީ ރާއްޖެ ގެނެސްފަ އެވެ. އެ އާއިލާ ރާއްޖެ ގެނައުމުގެ މަސައްކަތުގައި އިސްކޮށް ހަރަކާތްތެރިވީ އިންޓަނޭޝަނަލް އެއިޑް ކެމްޕެއިން (އައިއޭސީ) އިންނެވެ.