Last Updated: June 28, 12:01
Sunday, June 28, 2026
ޚަބަރު

ސައިކަލު ދުއްވާއިރު ހެލްމެޓް އަޅަން ޖެހޭ ގޮތަށް ގާނޫނަށް އިސްލާހު ހުށަހަޅައިފި

ސައިކަލު ދުއްވާއިރު ހެލްމެޓް އަޅަން ޖެހޭ ގޮތަށް އެއްގަމު ދަތުރުފަތުރުގެ ގާނޫނަށް އިސްލާހު ހުށަހަޅައިފި އެވެ.

ޕީޕީއެމްގެ ޕީޖީ ގުރޫޕުގެ ނައިބް ލީޑަރު އަދި ވިލުފުށި ދާއިރާގެ މެންބަރު ރިޔާޒު ރަޝީދު ހުށަހެޅުއްވި މި އިސްލާހްގެ ފުރަތަމަ ކިޔުން މަޖިލީހުގެ މިއަދު ވަނީ އިއްވާފަ އެވެ.

އެއްގަމު ދަތުރުފަތުރުގެ ގާނޫނުގައި މިހާރު އޮންނަ ގޮތުން ހެލްމެޓް އަޅަންޖެހޭނީ ވަކި ވަރަކަށް ވުރެ ބާރަށް ދުއްވަން ހުއްދަދީފައިވާ މަގުތަކުގައި އެކަންޏެވެ. ނަމަވެސް ގާނޫނުގެ ހަތްވަނަ މާއްދާގެ (ނ)އަށް ރިޔާޒު ހުށަހެޅުއްވި އިސްލާހުގައިވާ ގޮތުން މަގުތަކުގައި ދެ ފުރޮޅުލީ އުޅަނދުތައް ދުއްވަން ޖެހޭނީ ހެލްމެޓް އަޅައިގެންނެވެ.

ސައިކަލް ދުއްވާއިރު ހެލްމެޓް އަޅަން ޖެހޭ ގޮތަށް އިސްލާހް ހުށަހެޅި އިރު އައްޑޫ ސިޓީ ކައުންސިލުން ވަނީ، އައްޑޫގެ މަގުތަކުގައި ދުއްވާއިރު ހެލްމެޓް އަޅަން ޖެހޭ ގޮތަށް ގަވާއިދެއް އެކުލަވާލާފައެވެ.

މިހާރު އައްޑޫ ލިންކް ރޯޑުގައި ހެލްމެޓް އަޅަން ޖެހެނީ މަރަދޫ ހަންކެޑެ އާއި ހިތަދޫ ސްޓޭޑިއަމް އާއި ދެމެދުގައެވެ. އެދެމެދުގައި ދުއްވަން ހުއްދަ އޮންނަނީ 60 ކިލޯ މީޓަރު ބާރު މިނުގައެވެ.

އައްޑޫގެ މޭޔަރ އަބްދުﷲ ސާދިގް (ސޯބެ) ވިދާޅުވީ އެގޮތަށް ކައުންސިލުން ނިންމީ އައްޑޫގައި ހިނގާފައިވާ ގިނަ އެކްސިޑެންޓް ތަކުގައި މީހުންގެ ފުރާނަ ގޮސްފައިވަނީ ބޮލަށް ގެއްލުން ލިބިގެންކަމަށެވެ.

މަޖްލިސްއަށް ބިލް ހުށަހެޅުއްވި މެމްބަރު ރިޔާޒްވެސް ވަނީ މިކަން ފާހަނގަ ކުރައްވާފައެވެ.